ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ކެންޑިޑޭޓުންނަށް 'މައި ޕޯޓަލް' ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން "މައި ޕޯޓަލް" މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ކޮމިޝަނުން އިތުރަށް ބުނީ މިހާރު ޕޯޓަލް ހުޅުވާލި ނަމަވެސް، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅޭނީ އިންތިހާބަށް ރަސްމީކޮށް އިއުލާނުކުރުމުން ކަމަށެވެ.
އީސީން ބުނީ ދުރާލާ ޕޯޓަލް ހުޅުވުމުގެ ބޭނުމަކީ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ. އަދި އިންތިހާބަށް ރަސްމީކޮށް އިއުލާނުކުރުމާއެކު ފޯމު ހުށަހެޅޭނެ ފުރުސަތު ފަހިކޮށްދިނުންކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ވަނީ އިންތިހާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް، މައި ޕޯޓަލް އަށް ލޮގިންވުމަށްފަހު ޕޯޓަލްގައި ކެނޑިޑޭޓުގެ މައުލޫމާތާ، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، އިންތިހާބަށް ދައްކަންޖެހޭ އިދާރީ ފައިސާ ދެއްކުމަށް އެދިފައެވެ.
މީގެ އިތުރުން އީސީން ބުނީ މިފަހަރު އެދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ކުށާއި ދަރަނީގެ ރިކޯޑު އަޕްލޯޑުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދެމުން އީސީން ބުނީ ޑިސެމްބަރު 1، 2025 ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ސާފުކޮށްފައިވާ ކުށާ ދަރަނީގެ ރިކޯޑު މައި ޕޯޓަލްއަށް އަޕްލޯޑުކުރަންވާނެ ކަމަށެވެ.
އިންތިހާބަށް ރަސްމީކޮށް އިއުލާނުކުރަންވާއިރަށް، ކެނޑިޑޭޓުންގެ މައުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު އިދާރީ ފައިސާ ދައްކާ ތައްޔާރުވެގެން ތިބުމަށް އީސީން ވަނީ އެދިފައެވެ.
