އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމާ ގުޅިގެން އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 'އަމިން އެވެނިއު'ގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން ބައްސާމް ހިންގާފައިވާ މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ އެ މައްސަލަ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

އަމީން ކޮންސްޓްރަކްޝަންގެ އިތުރުން އެ މައްސަލައިގައި ދެން ދައުލަތުން ދައުވާކޮށްފައިވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލުގެ މައްޗަށާއި ހަސަން ވަހީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވިދާޅުވީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ހަސަން ވަހީދާ ހަވާލުކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ.

އެކަމަކު އެ ފައިސާ، ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުން ކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަމަށް ދައްކާ ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް ފައިސާގެ އަދަދަކީ، ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދަކަށްވުމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަންނަން އަމިންއަށް ޖަމާކުރި ކަމުގެ އެއްވެސް ލިޔުމެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. މި މައްސަލައިގައި ދެން ދައުވާ ކުރި މީހުންނާ މެދު ޝަރީއަތުން ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

އެ ހުކުމާއި ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ، އަމިން ކޮންސްޓްރަކްޝަނުން ހިމެނޭ މުއާމަލާތާ ގުޅިގެން ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގްގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ހަމަ އެ މުއާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާކަމަށް އެކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ގަބޫލު ކުރާ ކަަމަށެވެ.

އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްތު ކުރާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު އެ އޮފީހަށް ލިބުމުންކަން ފާހަގަކޮށް، ޕީޖީން ބުނީ އެ ރިޕޯޓް ލިބުމާއެކު އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށެވެ.

2018ގައި ފީފާއިން އެފްއޭއެމަށް ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ބައްސާމް މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.