ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައިގައި ހިމެނޭ މީހުން އެ ފައިސާ ހަރަދުކުރީ ޖުވާކުޅެން ކަމަށާއި އެ ފައިސާތައް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ޖުވާ ކުޅުމާ އަދި އެފަދަ ތަނެއް ހިންގުމަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ދިވެހި މުޖުތަމައު ބަދަލުވަމުންދާ ދިއުމުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި މި ބިލަކީ މުހިންމު ދައުރެއް އަދާ ކުރާ ބިލެއް ކަމަށެވެ. ނިމިދިޔަ އަހަރު ހަބަރުތަކުގެ ސުރުހީތަކުން ފެނިގެން ދިޔައީ ދިގު މުއްދަތަކަށް ޖަލަށް ދިޔަ ބައެއް މީހުން ހިންގާފައިވާ ޖަރީމާތަކުގެ މައުލޫމާތު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޖުވާ ކުޅުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިނގަމުން އަންނަ ކަމެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެކަން ދާދި ފަހުން ހިނގާދިޔަ ވައްކަންތަކުން ވެސް އެނގޭ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ވައްކަމުގެ ގޮތުގައި ފާހަގަކުރެވުނު ސިނގިރޭޓްގެ ވައްކަމުގައި ފައިސާ ލިބުނު ފަރާތްތަކުން އެ ފައިސާއިން ޖުވާ ކުޅެ އޭގެން ނަފާ ހޯދަން މަސައްކަތްކޮށްފައިވާ ކަމާއި އެ ހުރިހާ ފައިސާއެއް ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް ވިދާޅުވީ އެ ފަރާތްތަކުން ޖުވާ ކުޅެގެން ލިބުނު ފައިދާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދޭންވެސް ވަކި ކުންފުނިތަކެއް ހަދާފައި ޖުވާ ކުޅޭ މީހުން ހަދާފައި ހުރިކަންވެސް އެކަމުގެ ތެރެއިން އެނގިފައިވާ ކަމަށެވެ. އަދި ވަރަށް ފުޅާ ދާއިރާއެއްގައި ލޯމައްޗަށް ފެންނަ ވަރަށްވުރެ މާ މައްޗަށް ޖުވާކުޅުމުގެ ކަންކަން ހިނގަމުންދާކަން މިކަމުން އެކިގެންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ޖުވާގެ އިތުރުން މި ބިލުން ސްކޭމްތަކުގެ މައްސަލަވެސް ހައްލު ހޯދައިދިނުމަށް ހުށަހަޅާފައިވާކަން ނާޒިމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެެވެ. ސްކޭމަކީ ކޮބައިކަމާއި ސްކޭމް ކުރާ ފަރާތްތައް މާނަ ކުރާ ގޮތާއި އެފަރާތްތަކަށް ލިބޭނެ އަދަބުތައް ސާފުކޮށް މި ބިލުގައި ބަޔާންކުރަންޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ މިފަދަ ގާނޫނެއް ގެނެވިއްޖެނަމަ ސްކޭމްކުރާ ފަރާތްތަކަށް ހައްގު އަދަބު ލިބޭނެކަން ޔަގީންކުރެވިގެންދާނެ ކަމަށެވެ.