ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޖަލްސާ ކުރިއަށް ގެންދާނެ ވަގުތުތައް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ކަނޑައަޅައި ފާސްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ، ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށްދާ ޖަލްސާގެ ޖުމްލަ ވަގުތަކީ އެއް ގަޑިއިރު ކަމަށެވެ. އެގޮތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދު ކުރެއްވި މި ހުށަހެޅުމުގައިވާ ގޮތުން، މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވުމަށް ނާޒިމަށް ލިބިވަޑައިގަންނަވާނީ 10 މިނެޓުގެ ވަގުތެކެވެ.

މީގެ އިތުރުން، މި މައްސަލައިގައި މަޖިލީހުގެ އެހެން މެންބަރުން ބަހުސް ކުރެއްވުމަށް ޖުމްލަ 50 މިނެޓު ދިނުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މި ވަގުތު ބަހާލުމަށް ހަމަޖެހިފައިވަނީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ މެންބަރަކަށް 3 މިނެޓު ލިބޭނެ އުސޫލުންނެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، އޭނާ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި، މަޖިލީހުގެ ތެރޭގައި ބައިބައިވުން އުފެއްދެވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މި ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން، އެ މައްސަލައިގެ ބަހުސް ކުރިއަށްދާނެ ވަގުތާއި އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމިޓީންނެވެ.