ޕެންޝަން ސްކީމް މެދުވެރިކޮށް ހައްޖަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމާއެކު ހައްޖު ކިޔުއަށް އެރޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޕެންޝަނާ ބެހޭ ބިލުގައިވަނީ ހައްޖަށް ދިޔުމަށްޓަކައި ޕެންޝަން ސްކީމްގެ ތެރެއިން ލުއިތައް ދިނުމަށް ހުށަހަޅާފައެވެ. އެގޮތުން މި ބިލަށް ހުށައާޅާފައިވާ އިސްލާހުގައި ވާގޮތުން ރާއްޖެއިން ހާއްޖަށް ދިޔުމަށް ސަރުކާރުން ކަނޑައަޅާ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 20 އިންސައްތަ ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ބާކީ ދައްކަންޖެހޭ 80 އިންސައްތަ ފައިސާ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުން ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާގޮތް ހެދުމަށް ވަނީ ހުށަހަޅާފައެވެ. މިއާއެކު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ކަނޑައާޅާފައިވާ ކިޔުގެ ތަރުތީބުން އެމީހަކަށްވެސް ޖާގަ ރިޒާވްކޮށް ހައްޖުކިޔުއަށް އެރޭގޮތަށް ވަނީ ހުށަހަޅާފައެވެ.

މި ބިލުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހައްޖު ކިޔުއަށް އެރޭނީ، ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށެވެ. އަދި ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރަށް އެމީހެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށް ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތަށް ފައިސާ ދޫކުރުމަށްޓަކައި ޕެންޝަން ސްކީމްގައި ހުރި ފައިސާ ހިސާބުކުރަންވާނީ ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެފައިސާ އުނިކުރުމަށްފަހު ކަމަށް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގައިވާ ގޮތުން ޕެންޝަން ސްކީމްގެ ބައިވެރިއަކު އުމުރު ހަމަވާފަހުންވެސް އެފަރާތުން ހުށައަޅައިފިނަމަ ޕެންޝަން ސްކީމް މެދުވެރިކޮށް ހައްޖަށް ދެވޭނެއެވެ. އެހެންނަމަވެސް އެފަރަތްތަކަށް ޕެންޝަން ސްކީމުން ދެން ފައިސާ ދޫކުރަމުންދާނީ ހައްޖަށް ދިޔުމަށް ހިފަހައްޓާފައިވާ ފައިސާ ސްކީމުން އުނިކުރުމަށްފަހުގައި ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.