ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމަކީ ރަނގަޅު ނިންމުމެއް ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއްް ހުށަހެޅުމާ ގުޅިގެންނެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އިއްޔެ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މަޖިލިސް މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.

އެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެއެވެ. ބިލުގައި ބަަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންކަމުން އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.

ދެ އިންތިހާޞު އެއްކޮށްލާ ގޮތަށް ޕީއެންސީން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ އިރު، ރައީސުލޖުމހްުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ކަމަށާއި ކުރިއަށް އޮތް ދައުރު ފެށުމުގެ ކުރިން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަން އިއުލާން ކުރައްވާފައެވެ. ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލްތައް ތަންފީޒްކުރަން މަސައްކަތް ކުރާއިރު ޑިމޮކްރަސީގެ ހަމަތައް، ރައްޔިތުންގެ ބާރުވެރިކަމާއި ގާނޫނީ ވެރިކަން އަދި ދެފުއް ފެންނަ ނިޒާމު ފުރިހަމަ ކުރަން ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހޭ ކަމަށް އޭރު ރައީސް ވިދާޅުވެފައި ވެއެވެ.

އެގޮތުން މިހާރު މި ދެ އިންތިހާބު ބާއްވާ އިރު އެ ދެ އިންތިހާބުގެ ދެމެދުގައި ހައެއްކަ މަސް ދުވަހުގެ މުއްދަތެއް އޮންނަ އިރު އެކުއެކީގައި ދެ އިންތިހާބު ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ދެ އިންތިހާބު އެކުއެކީގައި ބާއްވައިފި ނަމަ ދައުލަތުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ އެތައް ކަމެއް ސަރުކާރަށް ނިންމައި ދެވޭނެ ކަމަށާއި ކުޑަ ރަށެއްގައި ދިރިއުޅެ މީހުން ބޮޑު ރަށަކަށް ދާއިމަށް ބަދަލު ކުރަން ވިޔަސް އެކަން ވެސް ކޮށްދެވޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.