މުސްލިމް، ޒުވާން އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ގެޒެޓުކުރި ދައުލަތުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ ގަވައިދަށް އިޝާރަތްކުރައްވާ ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާ، ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ ގޮތް ކިޔަން ނުޖެހޭ ކަމަށެވެ.
ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގައި އަމަލުކުރަންޖެހޭ އާ ގަވައިދާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ވަނީ ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީމިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކޮށްފައވެެ.
ސިވިލް ސާވަންޓުން ހެދުން އެޅުމުގެ ގަވައިދު އިސްލާހުކޮށްފައިވާއިރު އެ ގަވައިދަށް ވަނީ ދެ މާއްދާއެއް އިތުރުކޮށްފައެވެ. އެއް މާއްދާއަކީ ފިރިހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް އިތުރުކުރި ތަފްސީލްތަކެކެވެ. އެއާއެކު އަންހެން ސިވިލް ސާވަންޓުން އަޅާ ހެދުމުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ. މި ހެދުން ހުންނަންވާނ،ީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށެވެ. އަދި މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއް ކަމުގައި ވާންވާނެއެވެ. އަދި ފަޓުލޫނު ނުވަތަ ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާޙައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހިކަމުގައިވާންވާނެއެވެ.
