ބައިތުލް މުކައްރަމް ނޭޝަނަލް މިސްކިތަކީ ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ބިނާކޮށްފައިވާ އެ ގައުމުގެ، ގައުމީ މިސްކިތެވެ. 1950 ވަނަ އަހަރު ތެރޭގައި ޑާކާގައި މުސްލިމުންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން، މުސްލިމުން އަޅުކަން ކުރުމަށް ބޮޑު މިސްކިތެއް ބިނާކުރުމަށް ނިންމުނެވެ. މި މިސްކިތް ބިނާކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރެވުނީ 1959 ވަނަ އަހަރު އެޕްރީލް މަހުގެ 27 ވަނަ ދުވަހު ބަވާނީ ޖޫޓް މިލްސްގެ ވެރިޔާ އަބްދުލް ލަތީފް އިބްރާހިމް ބަވާނީގެ ގޭގައެވެ.
އެންމެ ފުރަތަމަ މި މިސްކިތް ބިނާކުރުމުގެ ހިޔާލު ހުށަހެޅުއްވީ އިރުމަތީ ޕާކިސްތާނުގެ މިލިޓަރީ އެޑްމިނިސްޓްރޭޓަރ މޭޖާ ޖެނެރަލް ހާންއެވެ. ބަންގަލަދޭޝްގެ ވެރިރަށް ޑާކާގައި މި މިސްކިތެއް ބިނާކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިން އެއްބަސްވިއިރު ހަމަ އެ އަހަރު ބައިތުލް މުކައްރަމް މިސްކިތް ކޮމިޓީއެއް ގާއިމްކޮށް، 8.30 އޭކަރުގެ ބިމެއް ވަނީ މިސްކިތް ބިނާކުރުމަށް ހަމަޖައްސާފައެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ އާކިޓެކްޓް އަބްދުލްހޫސެއިން އެމް ތަރާނީއެވެ. މި މިސްކިތް ޕްރޮޖެކްޓް ކުރެވުނުއިރު އާކިޓެކްޓަރަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހުނު ކަމަކީ ސަގާފީ މުގަލް އާކިޓެކްޗާގެ މައިގަނޑު އުސޫލުތަކުގައި ހިފެހެއްޓުމެވެ.
މި މިސްކިތް ބިނާކުރުމަށް ހަމަޖެހުނު ސަރަހައްދުގައި ޕަލްޓަން ޕޮންޑްގެ ނަމުން މަޝްހޫރު ކޯރެއް އޮތް އިރު، މިތަން ހިއްކުމުގެ މަސައްކަތް ޖެނުއަރީ 1960 ގައި، އޭރުގެ ޕާކިސްތާނުގެ ރައީސް އައްޔޫބު ހާންގެ އިރުޝާދާއެކު ފެށިގެން ދިޔައެވެ. ބައިތޫލް މުކައްރަމް ނޭޝަނަލް މިސްކިތް ބިނާކޮށްފައިވަނީ ބިމުގެ ލެވެލްއަށް ވުރެ، 99 ފޫޓް އުސްކޮށެވެ.
ކައުބަތުﷲ ގެފުޅުުގެ ޑިޒައިނަށް ބަލައިގެން ފަރުމާކޮށްފައިވާ މި މިސްކިތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ މުގުލް އާކިޓެކްޗަރުންގެ ހިޔާލާއެކު ތައްޔާރުކޮށްފައިވާ ޒަމާނީ ޑިޒައިންތަކުންނެވެ. މި މިސްކިތުގެ ވަންނަ ދޮރާ ދިމާލުގައި ރީތި ފެންގަނޑެއް ހަދާފައިވާއިރު އެ ސަރަހައްދު އިތުރަށް ޒީނަތްތެރިކުރުމަށް އެ ފެންގަނޑުގެ ވަށައިގެން އެކި ކަހަލަ ގަސްތައްވަނީ ހައްދާފައެވެ.
މި މިސްކިތުގައި އެންމެ ފުރަތަމަ ބަންގި ގޮވާފައިވަނީ ޖެނުއަރީ 25، 1963 ވީ ހުކުރު ދުވަހު ކަމުގައިވިޔަސް މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ 1968 ވަނަ އަހަރުއެވެ. ބަންގްލަދޭޝްގެ ސަރުކާރުން، އިސްލާމިކް ފައުންޑޭޝަން އާއި މި މިސްކިތް ބެލެހެއްޓުމާ ހަވާލުކުރި މާޗް 1975 ގައެވެ.
މި މިސްކިތުގެ ކޮމްޕްލެކްސްގައި ފިހާރަތަކާއި އޮފީސްތަކާއި ލައިބްރަރީތަކާއި ޕާކިން އޭރިއާތައް ގާއިމުކޮށްފައިވާއިރު މި މިސްކިތަކީ އެއް ފަހަރާ 40،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެކެވެ. ބަންގަލަދޭޝްގެ އެންމެ ބޮޑު އެއް މިސްކިތްކަމުގައިވާ ބައިތޫލް މުކަރަމް ނޭޝަނަލް މިސްކިތް މަރާމާތުކުރުމަށް 2008 ވަނަ އަހަރު ސައުދީ އިން ވަނީ ފަންޑެއް ދީފައެވެ.
