ސުލްތާން އުމަރު އަލީ ސައިފުއްދީން މިސްކިތަކީ އޭޝިއާ ޕެސިފިކްގެ އެންމެ ރީތި އެއް މިސްކިތެވެ. އެއީ މުސްލިމުންގެ ތާރީހީ ބޮޑު ބިނާއެކެވެ. އަދި ބްރޫނާއީގެ މަޝްހޫރު ފަތުރުވެރިންގެ މަންޒިލެކެވެ. ބްރޫނާއީގެ ވެރިރަށް ބަންޑާރަ ސެރީ ބެގަވާންގައި ބިނާކޮށްފައިވާ މި މިސްކިތް ނިސްބަތްވަނީ އެ ގައުމުގެ 28 ވަނަ ސުލްތާން، ސުލްތާން އުމަރު އަލީ ސައިފުއްދީން އަށެވެ. މި މިސްކިތަށް ނިންދީފައިވަނީ ސުލްތާން އުމަރު އަލީ ސައިފުއްދީންގެ ނަމާއި ގުޅުވައިގެންނެވެ.
މި މިސްކިތް ބިނާކުރުމަށް ހަތަރު އަހަރު ހޭދަވެގެން ދިޔައިރު މިސްކިތުގެ މަސައްކަތް ނިމި ހުޅުވުނީ 1958 ވަނަ އަހަރުގަައެވެ. މި މިސްކިތް ބިނާކުރުމަށް ފަސް މިލިއަން އެމެރިކާ ޑޮލަރު ހޭދިވިއިރު މިސްކިތް ބިނާކުރުމުގައި ބޭނުންކުރީ އެންމެ ރީތި ތަކެތި ކަމަށްވާ ޝަންހާއީ ގްރޭނައިޓް އާއި އިޓަލީގެ މާބަލް އެވެ. އިނގިރޭސިވިލާތުގެ ސްޓޭންޑް ގްލާސް އަދި ކްރިސްޓަލް ޗެންޑަލިއާސް ގެ ރީތިކަން މި މިސްކިތުން ފެނިގެންދާއިރު ސައުދީ އަރަބިއްޔާއިން ލިބޭ ރީތި ކާޕެޓުން މިސްކިތައް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.
މި މިސްކިތުގެ ތާރިހަށް ބަލާލާއިރު ސުލްތާން އުމަރު އަލީ ސައިފުއްދީން 3 ގެ ކުރެހުމުގައި ހަގީގީ ކުލަ ޖެއްސީ އިޓަލީގެ ފަންނާނެއް އަދި އާކިޓެކްޓެއް ކަމަށްވާ ރޫޑޮލްފޯ ނޮލީއެވެ. 1952 ވަނަ އަހަރު، މިސްކިތް ބިނާކުރުމަށް އެކަށީގެންވާ ތަނެއް ދެނެގަތުމަށް ކޮމިޓީއެއް އުފެއްދިގެން ދިޔައެވެ. އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ޕެންގިރަން ބެންޑަހަރާ ޕެންގިރާން އަނަކް މުހައްމަދު ޔަސިންއެވެ.
އެންމެ ފުރަތަމަ މި މިސްކިތް ބިނާކުރަން ހުށަހެޅުނީ މިހާރު ތަމަން ހާޖީ ސާ މުދާ އުމަރު އަލީ ސައިފުއްދީން ޕާކް ސަރަހައްދުގައެވެ. ނަމަވެސް ކަމްޕޮންގް އަޔަރުގެ ރައްޔިތުންނަށްޓަކައި ސުލްތާނުން އެދުނީ ބްރޫނާއީ ކޯރާ ކައިރީގައި މިހާރު އެ މިސްކިތް ހުރި ތަނުގައި މިސްކިތް ބިނާކުރުމަށެވެ. މި މިސްކިތް ބިނާކުރެއްވި އިރު ސުލްތާން ވަނީ ބްރޫނާއީގެ ފުރަތަމަ ގައުމީ ތަރައްގީގެ ޕްލޭން (އާރުކޭއެން 1) އިއުލާން ކުރައްވާފައެވެ.
މެލޭޝިއާގެ އިންޖިނިއަރުންނާއި އާކިޓެކްޓަރުންނާއެކު މި މިސްކިތުގެ މަސައްކަތް ފެށިގެން ދިޔައީ 1954 ވަނަ އަހަރު އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި މިސްކިތް ބިނާކުރުމަށް ފަސް އަހަރު ހޭދަވެގެން ދިޔައިރު، މި މިސްކިތް ރަސްމީކޮށް ހުޅުވާލީ ސެޕްޓެމްބަރު 24، 1958 ވަނަ އަހަރު ސުލްތާން އުމަރު އަލީ ސައިފުއްދީން ގެ 42 ވަނަ އުފަން ދުވަހުއެވެ.
މި މިސްކިތުގައި އެންމެ ފުރަތަމަ ބަންގި ގޮވުމުގެ ނަސީބު ލިބުނީ ހަސަން އަޒްހަރީއަށެވެ. މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބްރޫނާއީގެ ސުލްތާނުން ބައިވެރިވެވަޑައިގެންނެވިއިރު، ދައުލަތުގެ އިއްޒަތްތެރިންނާއި، މެލޭޝިޔާގެ ބޮޑުވަޒީރާ، ނައިބު ބޮޑުވަޒީރާއި، އިރުމަތީ ދެކުނު އޭޝިއާގެ ނައިބުންނާ، އިނގިރޭސި ސަރުކާރުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. ސުލްތާން އުމަރު އަލީ ސައިފުއްދީން މިސްކިތް ހުޅުވިގެން ދިޔަ ހަބަރަކީ ބްރޫނާއީގައި ރޭޑިއޯ މެދުވެރިކޮށް އާންމުންނާއި ހަމައަށް އެންމެ ފުރަތަމަ ރިޕޯޓްކުރެވުނު ހަބަރެވެ.
މި މިސްކިތް ބިނާކޮށްފައިވާ ސަރަހައްދުގައިވާ ކޯރާު ހުރަސްކޮށް، ހިކި ފަސް ސަރަހައްދާ ގުޅުވާލުމަށް ބްރިޖެއް އަޅާފައިވާއިރު 16 ވަނަ ގަރުނުގައި ސުލްތާން ބޮލްކިއާ ތައްޔާރުކޮށްފައިވާ ނަވަކީ ވެސް މި ސަރަހައްދަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވާ ނަވެކެވެ. މި ނަވުގެ ބޭނުން އާންމު ގޮތެއްގައި ކުރަމުން އަންނަނީ ޝާހީ ހަފްލާތަކާއި، ޖަލްސާތަށް ބޭއްވުމަށް ކަމުގައިވާއިރު މި ނަވުގެ އަސްލު ނުގެއްލޭ ގޮތަށް މަރަމާތުގެ މަސައްކަތްތަކެއްވަނީ ކޮށްފައެވެ.
މި މިސްކިތުގެ ކައިރީގައިވާ ކޯރާއި، އެ ސަރަހައްދުގެ ފެހިކަމުން މިސްކިތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު ބްރޫނާއީގެ ތާރީހުގައި މި މިސްކިތުގެ މުހިންމު ގިނަ މުނާސަބަތުތަކެއް ފާހަގަކޮށްފައިވާ މިސްކިތެކެވެ. އެގޮތުން ޑިސެމްބަރު 31، 1983 ގައި އެގައުމަށް މިނިވަންކަން ލިބުން ފާހަގަކޮށް އެކި ހަފްލާތައް ބާއްވާފައިވެއެވެ. މީގެ އިތުރުން އެ ގައުމުގެ ޝާހީ ކައިވެނިތަކާއި ގައުމީ ދުވަހު ޝުކުރު އަދާކުރުމުގެ ހަފްލާތައް ބާއްވާފައިވެއެވެ.
މި މިސްކިތުގައި ކުރެވުނު ފާހަގަކޮށްލެވޭ ޝާހީ ކައިވެނިތަކުގެ ތެރޭގައި 1965 ވަނަ އަހަރު ސުލްތާން ހަސަނަލް ބޮލްކިއާގެ ކައިވެނި ފާހަގަކޮށްލެވެއެވެ. އަދި 1996 ވަނަ އަހަރު ކުރެވުނު ޕްރިންސެސް ރާޝިދާ ސާއަދަތޫލް ބޮލްކިއާ ގެ ކައިވެންޏާއި 2004 ވަނަ އަހަރު ވަލީއަހުދު އަލްމުހުތާދީ ބިލާހުގެ ކައިވެނި ފާހަގަކޮށްލެވެއެވެ. އަދި 2007 ވަނަ އަހަރު ޕްރިންސެސް މަޖީދާ ނޫއުރުލް ބޮލްކިއާގެ ކައިވެނިވެސް ކުރެވިގެން ދިޔައީ މި މިސްކިތުގައެވެ.
