ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުސޫލުތަކާ އެއްބަސްވުންތަކުގެ ތެރެއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތައް ނޫން ބަޔަކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަކީ މަނާކަމެއްކަމަށާއި އެފަދައިން އަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ވީއައިއޭގައި ހުއްދަ ނެތި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި މުއާމަލާތް ކުރާތީ އެކަން ނުކުރުމަށް އަންގާ އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށާ، އެކި ވިޔަފާރިތައް ކުރުމާ، ހިދުމަތް ދިނުމުގެ ހުއްދަ ވަކި ހާއްސަ އުސޫލުތަކާ އެއްބަސްވުންތަކެއްގެ ދަށުން ދޫކުރާނީ އެ ކުންފުނިން ކަމަށެވެ.
މީގެ އިތުރުން އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގައި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާނީ ކަމާގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލުން ހުއްދަ ދީފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެހެން ފަރާތްތަކުން މި ހިދުމަތްތައް ދިނުމާ، ވިޔަފާރިކުރުމަކީ މަނާކަމެއްކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ ހުއްދަ ދީފައިވާ ފަރާތްތަކަށްވެސް އެ ހުއްދަ ދީފައިވާ ހިދުމަތެއް ނޫން އެހެން އެއްވެސް ހިދުމަތެއް ދިނުން މަނާވާނެ ކަމަށެވެ.
ހުއްދަ ދީފައިވާ ފަރާތްތަކުންވެސް އެ ވިޔަފާރިއެއް ދޭންޖެހޭނީ އެކަމަކަށް ކަނޑައަޅާފައިވާ ޖާގައިގައި ހުންނަ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަނިކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ އެފަދަ ހިދުމަތް ދޭ ފަރާތްތަކުން ތިބެންވާނީ ތަމްސީލުކުރާ ކުންފުނީގެ ޔުނިފޯމު ލައިގެން ނުވަތަ ފާސް އަޅައިގެން ކަމަށެވެ.
މީގެ އިތުރުން އެމްއޭސީއެލް އިން ބުނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާ އެއާޕޯޓުން ހިދުމަތް ހޯދާ އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، އެއާޕޯޓުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ހުއްދަ ނެތި އެއްވެސް ވިޔަފާރިއެއް ކުރާކަން ފާހަގަކުރެވިއްޖެނަމަ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
