ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސަސް (އެމްނެޓްސް) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ހަފުލާއެއްގައި އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. އެމްނެޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. މި ދެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުއެވެ.
އެމްއޭސީއެލް އިން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގައި ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރު ކުރުމަށްޓަކައި، ފުލުހުންނަށާއި އެމްނެޓްސް އަށް ކަނޑައަޅާފައިވާ ދައުރުތަކާއި ޒިންމާތައް އަދި އުސޫލުތައް ބަޔާންކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ފުލުހުން އަދި އެމްނެޓްސްގެ ތަޖުރިބާ އާއެކު ކާރިސާތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި މުއާސަލާތީ ގުޅުމާއި ކޯޑިނޭޝަން ހަރުދަނާކުރުމަށާއި މެދުނުކެނޑި ކަންކަން އިސްލާހުކޮށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ސޮއިކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ, ވީއައިއޭއަކީ ރާއްޖޭގެ އިގުތިސާދު އޭގެ މައްޗަށް ބިނާވެގެންވާ އެއް ފެސިލިޓީއަށްވާއިރު, މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ވަރަށް މުހިންމު އެއްބަސްވުންތަކެއް ކަމަށެވެ. އަދި ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް އެކި މުއައްސަސާތަކާއެކު އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް އެމްއޭސީއެލް އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރެވޭނީވެސް ފުލުހުންނާއި އެމްނެޓްސްގެ އިތުރުން ސިއްހީ އިދާރާތަކާއި އެހެނިހެން އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރެވިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ނަވީން ވިދާޅުވީ، އެއާޕޯޓުގެ އިމަޖެންސީ ކަންކަމުގައި އެމްއޭސީއެލް އާއެކު ފުލުހުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްއޭސީއެލް ކޮންމެ ކަމަކަށްވެސް ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމާއެކު އެމްއޭސީއެލް އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ, އެއާޕޯޓް ބޭނުންކުރާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު އެމްނެޓްސްގެ އެމްޑީ އިބްރާހިމް ތޯހާގެ ވަނީ މިފަދަ މުހިންމު އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި އެހީތެރިވި ހުރިހާ ބޭފުޅުންނަށް, ހާއްސަކޮށް އެއާޕޯޓް އިމަޖެންސީ ސާވިސަސްގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ހަފުލާގައި ފުލުހުންގެ އިސްވެރިންނާއި އެމްނެޓްސްގެ އިސްވެރިން އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ
