ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހެވެ.

އެމްއޭސިއެލް އިން ބުނީ، ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.

ހަމައެއާއެކު ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.

މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، މިއަދަކީ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށެވެ. ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށް ވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ ޝަރީފު ވިދާޅުވިއެވެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް,ކަމުގައި ޝަފީފް ފާހަގަކުރެއްވިއެވެ.