ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީން) ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްގީކޮށް ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވޭކަމަށެވެ.

ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް، އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ ޖަނަވަރީ 3، 2026 ގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އެންގުމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޑީސީން ވަނީ ޖަނަވަރީ 3 ގެ ފަހުން ހުޅުމާލެއިން ދުކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެ ކޯޕަރޭޝަންއާއިއެކު ވެފައިވާ ފްލެޓް އެއްބަސްވުން އުވާލެވޭނެކަމަށް ބުނެފައެވެ.

ފްލެޓް ލިބިފައިވާ ފަރާތްތަކުން އެޗްޑީސީއާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތައް އަމަލުކުރުމަށް އިލްތިމާސްކޮށް އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ފަރާތްތަކުން އެ ކޯޕަރޭޝަންއަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށްފައެވެ.