އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ލުއި ގޮތް ތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން އުޅަނދު ރަޖިސްޓްރީ ކުރަން ގަރާޖު ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސާފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖު ޖާގައެއް އޮތުން ލާޒިމު ނަމަވެސް އިދާރީ ގޮތުން ގަރާޖާ ގުޅޭގޮތުން ހުށަހަޅަން ޖެހޭ ލިޔުންތައް އާންމުންނަށް ފަސޭހަ ކުރުމުގެ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާރު ހުށަހަޅަމުން އަންނަ ލިޔުންތަކަކީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ (އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ) އާއި މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ (ވެހިކަލް ގަރާޖު ޕާމިޓް) އަދި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަންއެވެ.

އެ މިނިސްޓްރީން ބުނީ މިހާރު މި ތިން ލިޔުން ހުށަހަޅަން ޖެހޭ ގޮތަށް އޮތް ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން ކަމަށެވެ. ވެހިކަލް ގަރާޖް ޕާމިޓް ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އެ ބަދަލު ގެނެސްފައި ވަނީ ގަރާޖާ ގުޅޭގޮތުން ވަކި ދެ އިދާރާއަކުން ދެ ހުއްދަ ނަގަންޖެހި އަދި އެއް ހިދުމަތެއް ފުރިހަމަ ކުރުމަށް ރައްޔިތުން ދެ ފަހަރަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ކުޑަކޮށް ފަސޭހަ ކުރުމަށް ކަމަށް ޓްރާންސްޕޯޓް މިނސްޓްރީން ބުނެއެވެ. ހުށަހަޅަންޖެހޭ ލިޔުންތަކަށް ބަދަލު ގެނައި ނަމަވެސް މިހާރު ވެސް އަމަލު ކުރަމުންދާ ގޮތަށް ގަރާޖުގެ ވެރިފަރާތުގެ ރުހުން އޮތްތޯ ބެލުމާއި ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެ ކަމަށް ޓްރާންސްޕޯޓް އިން ބުނެއެވެ.

ހަމައެއާއެކު 2009 ވަނަ އަހަރުން ފެށިގެން ގަރާޖު ލާޒިމް ކުރުމުގެ ކުރިން ގެނެސްފައިވާ އުޅަނދުތަކާއި ވަކި ގަރާޖަކަށް ރަޖިސްޓަރީކޮށްފައި ނުވާ އުޅަނދުތަކުގެ ވެރި ފަރާތް ބަދަލު ނުކުރެވޭތީ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަން ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މާލެ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އެފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި ވެރި ފަރާތް ބަދަލު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.