ކުރީގެ ރައީސް މުހައްމަދު ނަޝީދު ކ. މާފުށީގައި ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލީ ކަމަށް ވިދާޅުވެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާފުށީގެ ބްރޭންޑް ލޯންޗުކުރުމަށް މާފުށީގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ކަންކަން ހަމަޖެހިފައިވާ ގޮތުން ރިސޯޓްފަހަރުގައި ޓޫރިސްޓުންނަށްދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި ރަށްރަށުގައި ހުރި ބޮޑެތި ހޮޓާތަކުން ނުދެވޭ ކަމަށެވެ.
އެއީ ބޭއިންސާފެއް ކަމަށާއި އެ ހަމަހަމަކަން ގެނައުމަށް ވިސްނާންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެއާއެކު ރަށްރަށުގައި އޫރު މަހާއި ބަނގުރާ ވިއްކުމަށް ރައީސް ނަޝީދު ގޮވާލެއްވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސާފުސާދާ މައް ދިވެހި ބަހުން ދައްކަވާ އިރުވެސް އެ ވާހަކަތައް ކަނޑައެޅިގެން އިދިފުށަށް ދޮގު މާނައާއި ތަރުޖަމާ އީޖާދުކޮށްގެން ދައްކަމުންދާ ކަމަށެވެ. އެއީ މީސްމީހުންނަށް ގެއްލުންދޭން ކުރާ ކަމެއް ކަމަށާއި އެއީ ކަންބޮޑުވުން ހުރި ނުރައްކާތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިސޯޓުތަކުގައި ލިބޭ އެހެނަސް މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމަ އެކަނި އެއްޗަކީ ރަލާއި އޫރުމަސް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރަން ނުޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމަށް ހިތްވަރުލިބޭ ގޮތަށް ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ އަދާލަތު ޕާޓީއިން ވެސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅު ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެފަދަ ވާހަކަފުޅުތައް ތަކުރާރު ނުކުރުމަށާއި ތައުބާވެ، ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދުމަށް އަދާލާތު ޕާޓީއިން ވަނީ ރައީސް ނަޝީދަށް ގޮވާލާފައެވެ.
