އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ނަދީމް (މައިލޯ ނަދަމާ) ބަންދު ކުރަން ނެރުނު އަމުރުގެ މައްސަލަ އެންމެ ފަހުން ހައި ކޯޓުން ބަލައިގެންފިއެވެ.

މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ހައްޔަރުކުރި ނަދީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ބަންދުގެ އަމުރާއި ގުޅިގެން ނަދީމްގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ވަނީ މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. އެހެން ނަމަވެސް އެ މައްސަލަ މިހާރު ބަލައިގަނެ، އެ މައްސަލާގެ އަޑުއެހުން ހައި ކޯޓުގައި މިއަދުވަނީ ފަށާފައެވެ.

ހައި ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓުގެ ރަޖިސްޓްރާ މައްސަލައެއް ބަލައިނުގަތުމަށް ނިންމައިފި ނަމަ އެ ނިންމުން ބަދަލު ކުރެވޭނީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ހިންގި އޮޕަރޭޝަންގައި ނަދީމްގެ އިތުރުން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ތަހުގީގަށް ހޯދިފައިވާ ބައެއް ކަމަށެވެ. އަދި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.