ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިންކަމަށެވެ.

މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖާ، 2 ސިނގިރޭޓް ކާޓޫނުގެ އިތުރުން ޝީޝާ ޕަފް އާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.