ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްގެން ފެށި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 23 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.
ރަަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެމްއޭސީއެލް އަށް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މި މަހުގެ އެއްވަން ދުވަހުގައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ހިއްކަން ހަމަޖެހިފައިވަނީ 137.5 ހެކްޓަރު ކަމަށާއި އޭގެ ތެރެއިން 23 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ ސައިޓް އޭގެ ހިއްކަންއޮތް ސަރަހައްދުގެ 17 ޕަސެންޓް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމްއޭސީއެލް އިން ބުނާ ގޮތުގައި، ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖާސް ކަމަށްވާ ކްރިސްޓޮބަލް ކޮލޯން ބޭނުން ކޮށްގެންނެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1009 ހެކްޓަރު ހިއްކަން ނިންމާފައި ވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ. ބިމުގެ ބޮޑު މިނަށް ބަލާ ނަމަ މިއީ، ހުޅުމާލެ ފޭސް 2 ހިމެނޭހެން ހުޅުމާލޭގެ ތިން ގުނަ ބޮޑު ސިޓީއެކެވެ.
ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފް ވެގެންދާނެ މަޝްރޫއެއްކަމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ. އެ މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ގަ އެވެ.
