މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކޮށްފިއެވެ.

މީގެ ކުރިން މަސް ގަންނަ އަގު ކިލޯއެއް 16 ރުފިޔާގެ ރޭޓް ކަނޑައަޅާފައި ވަނީ ދޮޅު ކިލޯއަށް ވުރެ ބަރުކޮށް ހުންނަ މަހަށެވެ. ނަމަވެސް މިހާރު މިފްކޯއިން މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށް ވެސް ކިލޯއެއް 16 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެއެވެ.

މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 16 ރުފިޔާއަށެވެ. ހަމައެއާއެކު އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯ ގަންނަ އަގަކީ 14 ރުފިޔާއެވެ. ނަމަވެސް 15 ކިލޯއަށް ވުރެ ބަރު ކަންނެލި ގަންނަ އަގަކީ ކިލޯއެއް 18 ރުފިޔާއެވެ. މިފްކޯއިން ބުނާ ގޮތުގައި މި ބަދަލުތައް ގެނައުމުގެ މަގްސަދަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދާ ދިނުމެވެ.

ހަމައެއާއެކު ތެލުގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް މި ވަނީ ގެނެސްފައެވެ. އެ ގޮތުން މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތަކަށް ތެޔޮ ވިއްކަމުން ދާނީ ލީޓަރެއް 13.90 ރުފިޔާއަށެވެ. އަދި ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާނަމަ، ލީޓަރެއް ވިއްކާނީ 13.72 ރުފިޔާއަށް ކަމަސް މިފްކޯ އިން ބުނެއެވެ. މީގެ އިތުރުން، އާންމު ފަރާތްތަކަށް އާންމު ފަރާތްތަކަށް މިއަދުން ފެށިގެން މިފްކޯއިން ތެޔޮ ވިއްކާނީ ލީޓަރެއް 14.43 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މަސްވެރިންގެ ދުވަސް ފާހަގކުރުމަށް ބޭއްވި ޖަލްސާގައި ވާހަކފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މަސްވެރިން އެދޭ ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަމުންގެންދާ ކަންތައްތައް ކަމަށާއި އަނެއްބައި ކަންކަމަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތު އެކަމަކަށް ފައްކާވުމާ ގުޅިފައި އޮތް ކަންކަން ކަމަށް ވިދާޅުވެފައެވެ. އަދި ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދެވޭ މަޝްރޫއުތަކާއި ސީދާ ދިވެހި ސަރުކާރުން ހިންގާ މަޝްރޫއުތައް ހިމެނޭކަން ހުރިކަމަށް ވެސް ރައިސް ވިދާޅުވެފައި ވެއެވެ.

މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހާ ކުރިއަށް ގެންދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމަށާއި މަސްވެރިކަމުގެ ސިނާއަތް ހަގީގީ މާނާގައި ކުރިއަރާދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.