އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން މިހާތަނަށް އެ ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ޝާމިލް މިހެން ވިދާޅުވީ، މި އަހަރުގެ ބައިނަލްއަގްވާމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސެޕްޓެމްބަރު 24، 2008 ގައި ގާނޫނު ނަންބަރު 2008/13 (އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނު) ތަސްދީގު ކުރެވި، މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިގާލީ އެންޓިކޮރަޕްޝަން ކޮމިޝަން އުފެދުނީ އޮކްޓޯބަރު 16، 2008 ގައެވެ. ޝާމިލް ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ޖުމުލަ 564,111,207.76 ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ. 17 އަހަރަށް ބަހާލުމުން އެއީ އަހަރަކަށް 33,183,012.22 ރުފިޔާ ކަމަށާއި މަހަކަށް ނަމަ އެއީ 2,765,251.02 ރުފިޔާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް، އޭސީސީގެ ތަހުގީގުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1,607,657,428.66 ރުފިޔާއަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދަން ޖެހޭ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ. އެ ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 17 އަހަރަށް ބަހާލާ ނަމަ، އަހަރަކަށް 94,568,084.04 ރުފިޔާ އަދި މަހަކަށް ނަމަ 7,880,673.67 ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.

އެހެންކަމުން، މި ތަފާސްހިސާބުން، ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ހަރަދުކޮށްފައިވާ ކޮންމެ 1 ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވާނެ ކަމަށް ޝާމިލް ފާހަގަކުރެއްވިއެވެ.