އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި، ޓީޗަރެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ސޯޝަލް މީޑިއާއަށް ތިލަވެގެން ދިޔަ އިރު، އެ މައްސަލައާ ގުޅިގެން ވަނީ އެ ޓީޗަރު ސަސްޕެންޑް ކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފައިވާ އިރު މިއަދު މި ވަނީ އެ ކްލާސް ރޫމް ތެރޭގައި އެ ޓީޗަރާއި ދަރިވަރުންތަކަކާ ދެމެދު މާރާމާރީ ހިންގާފައިވާ އިތުރު ވީޑިއޯތަކެއް ވެސް ލީކް ކޮށްލާފައެވެ.
އައްޑޫ ހައި ސްކޫލްގެ ގްރޭޑް 12 ގެ ބީޓެކް ކްލާހެއްގައި ހިނގާފައިވާ މި މާރާމާޜީގެ ވީޑިއޯތަކަށް ބަލާ އިރު، އެ ކްލާހުގެ ކުދިންތަކެއް ޓީޗަރަށް ގަނާ ކުރާ މަންޒަރު ފެނެއެވެ. އެއް ވީޑިއޯއެއްގައި އެ ޓީޗަރުގެ ޖީބަށް ވެސް އަތްލާ މަންޒަރު ފެނެއެވެ. އެއާއެކު އެ ޓީޗަރު އެ ކުއްޖާގެ އަތް ފޮޅާލައެވެ. ފަހަތުން ޓީޗަރުގެ ބޮލުގައި އަތް އަޅާ ކޮއްޕާ ނޫނީ އެ ޓީޗަރުގެ މޫނުމަތީގައި ޖަހާ ތަން ވެސް ފެނެއެވެ.
މި ވީޑިއޯތައް ވައިރަލް ވަމުން އަންނަ އިރު ސޯޝަލް މީޑިއާގައި މި ކަމާމެދު އާންމުންގެ ހިޔާލުތައް އަންނަނީ ބަންޑުން ކުރަމުންނެވެ. އެ ގޮތުން މި މައްސަލައިގައި ކުށްވެރި ވަނީ ހަމައެކަނި އެ މުދައްރިސް ނޫން ކަމަށާއި އެ ސްކޫލްގެ މުޅި މެނޭޖްމަންޓް މި ވަނީ ފެއިލް ވެފައި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެ ކްލާސްރޫމް ތެރޭގައި ހިންގި މާރާމާރީގައި ބައެއް ފަރާތްތަކުން އަންނަނީ ދަރިވަރުން ކުށްވެރި ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ކުއްޖަކު އަތް އިސްކޮށްފިއްޔާ ގޯސްވާ އިރު، ޓީޗަރުންނަށް މިގޮތަށް ގަނާ ކުރާ ކުދިންނަށް ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ މި ފަދަ މައްސަލަތައް އަތް ނުފޯރާ ފަށަށް ދާނެ ކަމެއް ކަމަށެވެ. އެކި ވީޑިއޯތަކަށް ބަލާއިރު އެއީ އެކި ދުވަސްތަކުގައި ނަގާފައިވާ ވީޑިއޯތައް ކަން އެނގެއެވެ. އެހެންކަމުން ޓީޗަރަށް ގަނާކޮށް އުނދަގޫކޮށް ރުޅި އަރުވާލީމާ ޓީޗަރަކަށް ވިޔަސް އެފަދައިން އަމަލު ކުރެވިދާނެ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
އެއްބަޔަކު ބުނާ ގޮތުގައި މިހާރު އެޑިއުކޭޝަން ސިސްޓަމް މި ވަނީ ފެއިލް ވެފައެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ވެސް ފެއިލް ވެފައިވާ މިންވަރު މިކަމުން ދައްކައިދެއެވެ. ސުލޫކީ އަހްލާގީ މިންގަނޑު ނުހިފޭއްޓޭ ވަރަށް ބައެއް ދަރިވަރުންގެ އަމަލުތައް ހުރި ކަމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. މި ކަން ހައްލު ކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދިން ޓީޗަރަކު ބުނި ގޮތުގައި، މިއީ ބައެއް ސްކޫލަތަކުގެ ހާލަތެވެ. މަތީ ގްރޭޑްތަކުގެ ބީޓެކް ކްލާސްތަކަށް ކިޔަވައިދޭން ދާ ގިނަ ޓީޗަރުންނަށް މި ފަދައިން ދަރިވަރުން ގަނާ ކުރާ މައްސަލައަކީ ފެންނަމުން އަންނަ ކަންކަމަށް އެނާ ބުނެއެވެ. މިފަދަ ކަންކަން ދިމާވާ އިރު ރަނގަޅު ފިޔަވަޅު ނޭޅުމަކީ ކިޔަވައިދޭ ޓީޗަރުންނަށް ލިބޭ ދެރައެއް ކަމަށާއި މި މައްސަލައިގައި ވެސް އެ ޓީޗަރު ސަސްޕެންޑް ކުރުމަކީ ޓީޗަރުން ހިމާޔަތް ކުރާނެ ބަޔަކު ނެތް ކަން ހާމަވެގެން ދާ ކަމެއް ކަަމަށް އޭނާ ބުނެއެވެ.
އައްޑޫ ހައި ސްކޫލްގައި މާރާމާރީ ހިންގި ވީޑިއޯގެ އިތުރުން ކްލާސް ރޫމްތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ ވައިރަލް ވެފައެވެ. މި ވީޑިއޯއަށް ވެސް އެތައް ބަޔަކު ކޮމެންޓްކޮށްފައިވާ އިރު، އެ ސްކޫލް ފެއިލް ވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
