ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން، ޗައިނާ އީސްޓާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ކޮންޑޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެ ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓާން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ފަޔާޒު އަދި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗައިނާ އީސްޓާން އެއާލައިންސްގެ ފުރަތަމަ ފްލައިޓް އެމްޔޫ-235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޗައިނާ ސަރުކާރުން ހިންގާ ޗައިނާ އީސްޓާން އެއާލައިންސް އަކީ ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިންއެވެ. މި އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ފެށީ އޭޕްރީލް 28، 2007 ގައެވެ. މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރު ވަނަ އެއާލައިނެވެ.

މި އެއާލައިނާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 30 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށް ދިނުމެވެ.