ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ސްޓެލްކޯ އިން ބުނީ، ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައި ދިޔަ ހާދިސާއެއްގައި ސްޓެލްކޯ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން ފުރަތަމަ އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށް ފަހު އިތުރު ފަރުވާއަށްއޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. އެއަށް ފަހު މިނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަނޑގެ ވަގުތެއްގައި އޭނާ ވަނީ އިތުރު ފަރުވާއަށް ތައިލޭންޑަށް ފުރުވާލާފައެވެ.

މި ހާދިސާ ހިނގި ދުވަހު މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ވެސް ވަނީ ކެނޑިފައެވެ.