އަންނަ ޖެނުއަރީ މަހު ހުޅުމާލޭގައި ގާއިމްކުރާ ބޮޑު ކަންނެލީގެ ފެސިލިޓީއާއެކު މަސްވެރިންގެ ޝަކުވާތައް ހައްލުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަކަމަށް ބުނެ، މިއަދު ހެނދުނުން ފެށިގެން މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ފުރަތަމަ އިހުތިޖާޖު ފެށީ ކަނޑުމަތީ ނަމަވެސް ސަރުކާރުގެ އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ބުނެ އެމީހުން މިހާރު އިހުތިޖާޖު ކުރަމުންދަނީ މާލެ ބޭރުގައެވެ.
ރަސްމީ ފާލަން ދޮށަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރުތައް ކުރަމުންދާ މި އިހުތިޖާޖާ ގުޅިގެން މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެންދާތީ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާތީ ކަމަށެވެ.
އެހެންކަމުން އެކަން ހައްލުކުރަން ބޮޑުކަންނެލީގެ މަސްވެރިންގެ ހުށަހެޅުމަކީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ކަންނެލީގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކޮށް، ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ތަންފީޒުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ސަރުކާރުން ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު މާލެ އޭރިޔާގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ ކަމަށާއި އަދިވެސް ސިނާއަތުގައި ކަންކަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެެއާއެކު ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން،" ޝިޔާމް ވިދާޅުވިއެވެ.
ބޮޑުކަންނެލީގެ މަސްވެރިން މާލެ ބޭރު ކަނޑުމަތީގައި އިހުތިޖާޖު ކުރަމުންދާއިރު، އެކަމުގައި 49 ދޯނި ބައިވެރިވެ އެވެ. "ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ" މި ޝިއާރުގެ ދަށުން ކުރާ އިހުތިޖާޖުގައި ގޮވާލަމުން ދަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ.
