ގަވައިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭގައި ހަތަރު މަސާޖު ޕާލާ ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މިއަދު، އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި ރޭގައި މާލޭގައި ހިންގަމުންދިއަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވަނީ އަޅާފައިވާ ކަމަށެވެ.
މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާ މައްސަލަ އަކީ މީގެ ކުރިންވެސް ފެންމަތިވެފައިވާ މައްސަލައެކެވެ. އަދި މިހާރު އިމިގްރޭޝަނާއި ކަމާއި ގުޅުން ހުރި އެހެން އިދާރާތަކުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި މިފަދަ ތަންތަން ބަލާ ފާސްކޮށް، ގަވައިދާ ހިލާފަށް ހިންގަމުންދާ ތަންތަން ދަނީ ބަންދުކުރަމުންނެވެ.
