އާސަންދަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 3 މެންބަރަކު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަނުން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އާސަންދަ ކޮމްޕެނީ ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުން މެންބަރުން ވަކިކޮށްފައިވާ ކަމަށެވެ.
އެގޮތުން ވަކިކޮށްފައިވަނި ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޝަހީދު މުހައްމަދު، ނޮން އެގްޒެކެޓިވް މެންބަރު އަހުމަދު ޝާކިރުގެ އިތުރުން ނޮން އެގްޒެކެޓިވް މެންބަރު އައިޝަތު ޖީނާއެވެ. މި ތިން މެންބަރުން ވަކި ކުރި ސަބަބުން އެ ކޯޕަރޭޝަނުން ހާމަކޮށްފައި ނުވާއިރު ބޯޑު މެންބަރުންގެ ގޮތުގައި ހިމެނޭ ޖީނާއާއި ޝާކިރު އެ މަގާމަށް އައްޔަން ކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
އެފަހަރު އެ ދެބޭފުޅުން އައްޔަންކުރީ އޭރު އެ ކުންފުނީގެ ބޯޑުގައި ތިއްބެވި އިބްރާހިމް ރަޝީދާއި އަބްދުﷲ ރަޝީދުގެ އިތުރުން އަހުމަދު ސޮބާހު ވަކިކުރުމަށްފަހުއެވެ.
އާސަންދަ އުފެދުނީ ބޭސްފަރުވާގެ ހަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް، 2011 ވަނަ އަހަރު އެވެ. އެގޮތުން އާސަންދައިން ބޭހަށް ކުރާ ބޭކާރު ހަރަދުތައް ކުޑަކުރުމުގެ އިތުރުން ރާއްޖޭގައި ޕްރެސްކްރައިބް ކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދެއެވެ.
