އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ހޮވުން ކައުންސިލް އިންތިހާބަށް ފަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ވަގުތު ބޭނުންވާތީ ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމަށް ހުށަހަޅާފައެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމްވަނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ތާރީހުން ފެށިގެން ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ފުރުސަތު ހުޅުވާލަން ހުށަހަޅާފައެވެ. އަދި އިންތިހާބު ބާއްވާނެ ގޮތުގެ ތާވަލެއް އެ ޕާޓީގެ ގަވާއިދާ، އުސޫލުތަކުގެ ތެރެއިން އެކުލަވާލުމަށްވެސް ސަލީމް ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުވުން ޖަލްސާގައި ބައިވެރިވެވަޑައިގެން 69 މެންބަރުންގެ ތެރެއިން 58 މެންބަރަކު ވަނީ ފެންނަ ކަމަށް ވޯޓު ދީފައެވެ.
ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ޗެެއާޕާސަން ކަމުން އިސްތިއުފާދެއްވި ފައްޔާޒް ވަނީ ވަގުތީ ޗެއާޕާސަންގެ ގޮތުގައި ޣަފޫރު ކުރައްވާ މަސައްކަތްތަށް އެއްބާރުލުމާ، އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރަން މިދިޔަ މަހުގެ 28 ގައި ވެސް ޖަލްސާއެއް ބާއްވާފައިވާއިރު އެމަގާމަށް ކުރިމަތިލާފައިވާ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެންބަރު ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންއިން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމްގެ ތެރެއިން ވޯޓަށް އަހާފައި ވަނީ ވަހީދުގެ ނަމަށް އެކަންޏެވެ.
އެ ޖަލްސާއަށް 95 މެންބަރަކު ހާޒިރުވެފައިވާ އިރު، ނަން ފާސްވާން 48 ވޯޓު ބޭނުންވި ނަމަވެސް ވަހީދަށް ލިބިވަޑައިގެންފައި ވަނީ 47 ވޯޓެވެ. އެއް ވޯޓު މަދުވުމުން ދެން އަސްލަމްގެ ނަން ހުށަހަޅަން އުޅުމުން މަސްލަހަތު ގޯސްވެ މެންބަރުން އަޑުގަދަ ކޮށް އެ ޖަލްސާ ވަނީ ނިންމާލާފައެވެ. އޭގެ ފަހުން ވަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.
