އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އިންތިހާބު ކޮށްފިއެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ
ވަގުތީ ޗެއާޕާސަން އިންތިހާބު ކުރުމަށްފަހު ދެން މިރޭގެ ޖަލްސާގައި އޮތީ އެމްޑީޕީގެ ޗެެއާޕާސަން ކަމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ބަހުސްކުރުމެވެ. މި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ ޣަފޫރަށް މަރުހަބާ ވިދާޅުވެ،ޣަފޫރަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީގެ ޗެެއާޕާސަން ކަމުން އިސްތިއުފާދެއްވި ފައްޔާޒް މިރޭ ވިދާޅުވީ ވަގުތީ ޗެއާޕާސަންގެ ގޮތުގައި ޣަފޫރު ކުރައްވާ މަސައްކަތްތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށެެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރަން މިދިޔަ މަހުގެ 28 ގައި ވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ވަނީ އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތަކާ އެކު ދެބަސްވުމާއެކު ޒުބާބުކޮށް މަސްލަހަތު ގޯސްވެފައެވެ. އެގޮތުން އެމަގާމަށް ކުރިމަތިލާފައިވާ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެންބަރު ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންއިން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމްގެ ތެރެއިން ވޯޓަށް އަހާފައި ވަނީ ވަހީދުގެ ނަމަށް އެކަންޏެވެ.
އެ ޖަލްސާއަށް 95 މެންބަރަކު ހާޒިރުވެފައިވާ އިރު، ނަން ފާސްވާން 48 ވޯޓު ބޭނުންވި ނަމަވެސް ވަހީދަށް ލިބިވަޑައިގެންފައި ވަނީ 47 ވޯޓެވެ. އެއް ވޯޓު މަދުވުމުން ދެން އަސްލަމްގެ ނަން ހުށަހަޅަން އުޅުމުން މަސްލަހަތު ގޯސްވެ މެންބަރުން އަޑުގަދަ ކޮށް އެ ޖަލްސާ ވަނީ ނިންމާލާފައެވެ. އޭގެ ފަހުން ވަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.
