ރިސޯޓު ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ދޫކުރާ މުއްދަތު އިތުރުކުރާނަމަ ފީއެއް ނަގާގޮތަށް ޓޫރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގެ ބޭނުމަކީ، ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލުތައް ކަނޑައަޅައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަޔާންކުރުމެވެ.
މީގެ އިތުރުން ރިސޯޓު ހެދުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާއި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުން ހިމެނެއެވެ.
މި ބިލުގައި، ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި "ޓޫރިޒަމް ޓްރޭނިންގް ރިޒޯޓް" ހިމަނައި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި، ތަރައްގީކޮށް އެ ތަންތަން ހިންގުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ އިހްތިސާސްގައި ހިމެނޭ ތަންތަނުގައި ތަރައްގީ ކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާކަމަށާއި އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ، އެ ތަނެއް ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭނެ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްޤީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ޝަރުތުތަކާއި އިޖުރާތު ބަޔާންކޮށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު، އިތުރު 6 (ހައެއް) މަސްދުވަހަށް އިތުރުކުރެވޭނެކަމަށް ވެސް ވަނީ ހިމަނާފައެވެ.
ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، ޓުއާ އޮޕަރޭޓާ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއާ އޮޕަރޭޓަރަކަށް، ހިދުމަތް ދެވޭނީ، ފޮރިން ޓުއާ އޮޕަރޭޓާ ލައިސަންސްއެއް ހޯދުމަށްފަހުކަމަށް ކަނޑައަޅައި ޓުއާ އޮޕަރޭޓަރުންނާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާ ގުޅޭ ކަންކަން ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ހަމަމިއާއި އެކު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ކަނޑައެޅުން ވެސް މި ބިލަށް ގެނައި އިސްލާހުގައި ހިމެނެއެވެ.
ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ހިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެ ފަރާތެއް ފޯރުކޮށްދިން ހިދުމަތުގެ ބާވަތަށާއި ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް 1،000،000 (އެއްމިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް މި ބިލަށް ގެނެވުނު އިސްލާހުގައިވެއެވެ.
