ދެދުވަހުގެ ދަތުރުފުޅެއްގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން މާދަމާ އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓު ކޮށްފިއެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް މިހާރުވެސް އޮންނަ ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވާތީ، ސަލާމަތީ ހިދުމްތަތަކާ ބެހޭ ހުރިހާ އިދާރާއަކުން ވަނީ ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައަށް ޖައްސާފައެވެ. ނުވަތަ 'ހައި އެލާޓް ލެވެލް' ގައި އިންތިޒާމުތައް ހަމަޖައްސަން ފަށާފައެވެ.
މާދަމާއިން ފެށިގެން 2 ދުވަހުގެ މުއްދަތަށް ޕުޓިން ކުރައްވާ ދަތުރުފުޅުގެ ޝެޑިއުލެއް، ހުންނަވާ ތަނެއް އަދި މަޝްވަރާގެ އެޖެންޑާތައް ވެސް އިންޑިއާއިން ވަނީ ސިއްރު ކޮށްފައެވެ.
އިންޑިއާގެ ސަލާމަތާބެހޭ އިދާރާތަކުން ބުނެފައިވަނީ، ޕުޓިން އިންޑީއާއަށް ވަޑައިގަތުމާއި އިންޑިއާއިން ފުރާވަޑައިގަތުމާ ހަމައަށް ގައުމުގެ އެތެރެއާއި ބޭރުގެ ހުރިހާ ހަރަކާތެއް ބަލަން ސަލާމަތީ ހިދުމަތް ދޭ ހުރިހާ އިދާރާއަކަށް އަންގާފައި ވާނެ ކަމަށެވެ.
އެގޮތުން ހުރިހާ ވަގުތެއް ރިއަލްޓައިމް ކޮށް ބަލައި މޮނިޓާ ކުރާނެ ކަމަށާއި ސަލާމަތީ ބާރުތައް އޮންނާނީ ފުރިހަމައަށް ތައްޔާރުވެ އެލާޓުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވާތީ، އިންތިޒާމުތައް ހަމަޖެއްސުމަށް ރަޝިއާގެ އޮފިޝަލުންނާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ 50 އަށް ވުރެ ގިނަ މީހުން މިހާރު އިންޑިއާގައި ހަރަކާތްތެރިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެއްވެސް ކަމެއް ޗާންސަކަށް ދޫކޮށް ނުލާނެ ކަމަށާއި، ސެކިއުރިޓީގެ ކަންކަން ބަލަހައްޓަމުން ގެންދާނީ އެތައް ލޭޔަރަކަށް ސްކްރީން ކުރެވި ބަލަހައްޓަމުން ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.
އިންޑިއާގެ ދަތުރުފުޅާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވެފައި ވަނީ، އިންޑިއާ ދަތުރުފުޅަކީ އިންޑިއާ އާއި ރަޝީއާ އާ ދެމެދު އޮންނަ އަހަރީ ބައްދަލުވުމުގެ 23 ވަނަ ބައްދަލުވުން ކަމަށާއި، ހަކަތައާއި އެކިއެކި އުމްރާނީ ވަސީލަތްތަކުގެ ދާއިރާތަކުންނާއި ޖައްވާއި ދަނޑުވެރިކަން އަދި އެހެނިގެން ދާއިރާތަކުން އިތުރު ގުޅުންތައް ބަދަހި ކުރާނެ ކަމަށެވެ.
އިތުރަށް ޕުޓިން ވިދާޅުވީ، އިގްތިސޯދީ ދާއިރާއިން ކުރަން ހުރި ގިނަ ކަންކަމާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު މީގެ ކުރިން ގިނަ މަޝްވަރާތައް ކުރައްވާފައި ވާ ކަމަށާއި އިންޑިއާގެ ދަތުރުފުޅުގައި އެ ދާރާއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ތަފްސީލު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ އިތުރު އުފެއްދުންތައް ރަޝިއާ މާކެޓަށް ގެންދިޔުމާބެހޭ މަޝްވަރާތައް ވެސް ހިމެނޭ ކަމަށް ވިދާޅުވެފައި ވެއެވެ.
