ސްޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފިނަމަ، ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާ، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނާ، ނުހައްގުން މުއްސަނދިވެފައިވާ މީހުންނަށް ހަރުކަށި އަދަބުތައް ދިނުމަށް ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިސްލާހުތަކެއް ގެނެސްފައިވާއިރު ވމަސްތުވާތަކެތީގެ ގާނޫނު އިސްލާހުކުރުމަށް ފާސްކޮށްފައިވަނީ، 65 މެންބަރުންގެ އިއްތިފާގުންނެވެ. މިކަމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ދެއްވާފައެއް ނުވެއެވެ.
މި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނަބިސް ކަމުގައިވުން އެތެރެކުރުން، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އެތެރެކުރުމެވެ. މީގެ އިތުރުން ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއްނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދަކަށް އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދޭން ވަނީ ފާސްކޮށްފައެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.
ބިލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރުމުންނެވެ. އަދި އިއްތިފާގުން މަރުގެ ހުކުމް ކަނޑަނާޅާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ހުކުމެއް އިއްވާ މީހަކަށް އަބަދު މައާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
