"ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާއާ ސުވާލު ކުރުމަށް ފުލުހަށް ހާޒިރުކޮށްފިއެވެ.

ފުލުހުން ބުނީ، ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި އޭނާއާ ސުވާލު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހާޒިރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ފެންމަތިވި އެ މައްސަލައަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" އެންމެ އިސް ހިއްސާދާރު ސަނީ އުމަރު އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން ދަ ޓްރެވަލް ގާއިސްއިން އިއްޔެ ވަނީ ނޫސް ބަޔާނެއް ވެސް ނެރެފައެވެ. ސަނީއަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އެ ކުންފުނިން އޭނާ ވަކިކޮށް ހިއްސާތައް އަތުލަން ނިންމާފައިވާކަން ހާމަކޮށް ނެރުނު އެ ނޫސް ބަޔާނުގައި ބުނީ، ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"[ސަނީގެ] ހިއްސާތައް މި ކުންފުނީގެ ތެރޭގައި ހުންނާނެ، އަދި ބޭރުގެ އެއްވެސް ފަރާތަކަށް ހިއްސާއެއް ނުވިއްކާނެ، [ހިއްސާތައް ބަދަލުކުރުމުގެ] ކަންކަން ކުރިއަށްދާނީ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކުގެ ތެރެއިން، މި ކަންކަން ވީއެންމެ އަވަހަކަށް ކޮށް ނިންމާނަން،" އެ ބަޔާނުގައިވެއެވެ.

ހަމަ އެހެންމެ ޓްރެވެލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ޓްރެލް ގައިސް އިން ވަނީ ބުނެފައެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ޓްރެވަލް ގާއިސްއިން ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ވަނީ ދީފައެވެ.