ރާއްޖޭގައި ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިިއަށް ދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށްވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

މީގެ ކުރިން މިނިސްޓަރު ވަނީ އުޅަނދުފަހަރު އެތެރެކޮށް ރެޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ގެންނަ ބަދަލުތައް، މި ދައުރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މީގެ ކުރިން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީކުރާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އަމީން ވަނީ ގަވާއިދުން ބޭރުން ވެހިކަލްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނުހިނގާ ކަމަށާއި ގަރާޖެއް އޮވެގެން ނޫނީ ވެހިކަލް އެތެރެނުކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.