ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން ހ. ލައިޓްނައިޓް އިސްމާއީލް ޔާފިސް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ނަޝީދަށް އިންޒާރުދިން މައްސަލާގައި ޔާފިސް ހައްޔަރުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ރ. މީދޫއިންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިީހުން ބުނީ ރައީސް ނަޝީދު މަރަން ހަމަލާދޭނެ ކަމަށް ޔާފިސް 2021 ވަނަ އަހަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށާއި ފުލުހުންގެ ހިދުމަތުގެ ތަހުގީގުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.
މި މައްސަލާގައި ޔާފިސްއާއި ދައުލަތާ ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލުމަށް މިދޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ނަޝީދަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ޔާފިސްގެ މައްޗަށް ވަނީ 3 ދައުވާއެއްކޮށްފައެވެ.
އެއީ:
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން (2 އަހަރުގެ ޖަލު ހުކުމެއް)
- ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުން (3 އަހަރުގެ ޖަލު ހުކުމެއް)
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން (5 އަހަރުގެ ޖަލު ހުކުމެއް)
ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ "އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށާއި 2021 ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ނަޝީދަށް ދިން ހަމަލައަށްވުރެ ވަރުގަދަ ހަމަލައެއް ދޭނެ ކަމަށް ބުނެ ޔާފިސް ވަނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައެވެ.
