ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ "ސަޅި ފެސްޓް 2025" ފަށައިފިއެވެ.
ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މި ފެސްޓް ފެށީ އިއްޔެއެވެ.
ޔޫތް ހަބްގައި ކުރިއަށްދާ ސަޅި ފެސްޓްގައި، ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ވޯކްޝޮޕްތައް ކުރިއަށްގެންދެއެވެ.
އަދި ލައިވް ޝޯތަކުގެ އިތުރުން ފެސްޓިވަލުގައި ބައިވެރިވާ ފަރާތްތަކަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓުގައި ޒުވާނުން އެއްތަންވެ، މަޖާކޮށް، އާ ކަންތައްތައް ދަސްކޮށް، އަދި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ލިބިގެންދާނރ ފުރުސަތެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެއެވެ.
މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ތަރައްގީކޮށް ޔޫތް ހަބެއްގެ ގޮތުގައި ހުޅުވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެތަން ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.
ހަމަ އެހެންމެ ، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ވެސް ޔޫތް ހަބްގައި ފަހިވެގެންދާނެ އެވެ.
