ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީއެއް ނަގަން، އެ ރަށުގެ ރައްޔިތުންގެ ރުހުމާއެކު ތިނަދޫ ސިޓީ ކައުންސިލުން، ނިންމައިފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ މި ގޮތަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ތިނަދޫ ސިޓީ ކައުންސިލުން އޭރު ބުނީ، މިނިންމުން ނިންމީ އެ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
ތިނަދޫ ކައުންސިލްގެ ނިންމުން ގަވައިދާ ހިލާފު ކަމަށް ބުނެ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ރަށްވެހިކަން ބަދަލުވާނަމަ ފީއެއް ނަގާ ގޮތަށް ތިނަދޫ ކައުންސިލުން އޭރު ނިންމި ނިންމުން އަނބުރާ ގެނައުމަށް ގޮވާލާފައެވެ.
ތިނަދޫ ސިޓީ ކައުންސިލުން، އިއްޔެ ގެޒެޓުގައި އާންމުކުރި މައުލޫމާތުގައި ބުނީ، އެ ސިޓީގެ ރަށްވެހިކަމުން އުނިވާ މީހުން 5،000 ރުފިޔާ ދައްކަންޖެހޭ ކަމަށް ކައުންސިލުން ފާސްކުރީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށެވެ. އަދި އެކަން އިސްލާހުކޮށް އިޖުރާއަތުތައް ފުރިހަމަކުރަން މިދިޔަ ޖުލައި މަހު އެލްޖީއޭއިން ލަފާދިންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން އޮގަސްޓް މަހުގެ 10ވަނަ ދުވަހު ކައުންސިލުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެލްޖީއޭގެ ލަފާގެ މަތިން، ތިނަދޫގެ ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދު ކަނޑައެޅުމަށް ގޫގަލް ފޯމެއް މެދުވެރިކޮށް އެ ސިޓީގެ ރައްޔިތުންގެ ހިޔާލަށް ހުޅުވާލި ކަމަށް، ކައުންސިލުން ވަނީ ބުނެފައެވެ.
އިތުރަށް ތިނަދޫ ކައުންސިލުން ބުނީ ރައްޔިތުންގެ ފަރާތުން ވޯޓަށް އެހީ، ރަށްވެހިކަމުން ވަކިވާ މީހުންގެ އަތުން އެއްވެސް އަގެއް ނުނަގާ ގޮތަށް ނުވަތަ 5،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދެއް ހިމެނޭހެން ފީއެއް ނަގާ ގޮތަށް އިހުތިޔާރު ކުރުމަށް ކަމަށާއި ބައްދަލުވުމުގައި ބައިވެރިވި ގިނަ ރައްޔިތުން ނިންމީ ތިނަދޫގެ ރަށްވެހިކަމުން ވަކިވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީ ނެގުމަށް ކަމަށެވެ.
އެހެންކަމުން، މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ތިނަދޫ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި، އެ ސިޓީގެ ރަށްވެހިކަމުން ވަކިވާން އެދޭ ރައްޔިތުންގެ އަތުން 5،000 ރުފިޔާ ނަގަން ނިންމާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
