ވިލިމާލެ ނިކަގަސްތައް ކަނޑައިނުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްލުކުުރެއްވުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ މުހްޔިއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި، ވިލިމާލޭގައި ދިރިއުޅޭ ބައެެއް ރައްޔިތުން ވަނީ، އެ މީހުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ.
މިގޮތުން، ރައްޔިތުންގެ އެއް ކަންބޮޑުވުމަކީ، ވިލިމާލޭ ފުލުހުންގެ މަރުކަޒާ ޖެހިގެން އޮންނަ ހުސްބިމުގައި ހުންނަ ދެ ނިކަގަހުގެ މޫތަކާ ހެދި ދިމާވާ އުނދަގޫތަކެވެ.
އާންމުން ހުށަހެޅި މި ކަންބޮޑުވުމާ ގުޅިގެން، ރައީސް ޑރ. މުއިއްޒު އެރޭގެ ޖަލްސާ ނިންމަވާލައްވަމުން ވަނީ، އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އެ ޝަކުވާ ލިބި، އެ ތަނުގައި ހުރި ގޭގެ ބައްލަވަން ވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންވާނަމަ އެ ގަސްތައް އެ ތަނުން ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު ހަމަ އެ ޖަލްސާގައި ވޯޓަކަށް އައްސަވައި، އެ ގަސްތައް އެ ތަނުން ނަގަން ރައްޔިތުންނަށް ފެންނަ ނަމަ އެކަން އަންގައިދިނުމަށް އަތްމައްޗަށް ނެގުމަށް އެދިވަޑައިގެންނެވުމުން، އެ ޖަލްސާގައި ތިބި ގިނަ މީހުންގެ އަޣުލަބިއްޔަތުން ވަނީ އެ ތަނުން އެ ދެ ގަސް ނަގަން ފެންނަކަމަށް ބުނެފައެވެ. އެހެންކަމުން ރައްޔިތުން އެދިލެއްވި ގޮތަށް އެ ގަސްތައް ކަނޑާދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވަމުންދާ ނަޝީދު، މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭގެ ތެރެއިން އެއް ގަހަކީ ސަމްޝުއްދީން ރަދުން ފުވައްމުލަކުން ގެނެސް އެ ތަނުގައި ބަހައްޓާފައިވާ ގަހެއް ކަމަށެވެ.
އަދި ވިލިމާލޭގައި ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން މެންދުރު މަސައްކަތް ކުރުވުމަށް ފަހު މަޑުޖެހިލަން ވަގުތުކޮޅެއް ދޭން ވެގެން ބޭތިއްބި ތަނެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. "100 އަހަރަށްދާ ތަރިކައެއް. މި ގަސް ކަނޑާނުލައްވާ," ނަޝިދު ލިޔުއްވާފައި ވެއެވެ.
އެކަމާ ގުޅިގެން ތިމާވެއްޓަށް ލޯބިކުރާ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ރައީސް ވަނީ ވިލިމާލޭގައި ހުންނަ ދެ ނިކަގަސް ކަނޑާލުމަށްފަހު، އެ އަވަށުގައި 300 ގަސް އިންދުމަށް ތިމާވެއްޓާ ބެހޭ ވަޒީރަށް އަންގަވާފައިވާނެކަން ރޭ އިއުލާން ކުރައްވާފައެވެ.
