އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒު އިސްމާއީލަކީ ޕާޓީގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފައްޔާޒުއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައްޔާޒަކީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާ ބޭފުޅެއް ކަމަށެވެ. ފައްޔާޒަކީ ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގެން، ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު ޖެހިލުމެއް ނެތި ޖަލަށްވެސް ވަޑައިގެންނެވި ބޭފުޅެއްކަމުގައި ނަޝީދު ވިދާޅުވިއެެވެ. "ޕާޓީއާއެކު ފައްޔާޒަށް އިތުރު ކާމިޔާބީއަށް އެދެން،" ނަޝީދުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުން ރޭ ފައްޔާޒު އިސްތުއުފާ ދެއްވާފައިވާއިރު، މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަމުންދާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

ޗެއާޕާސަންގެ މަގާމުގައި ފައްޔާޒު ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވާ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ފައްޔާޒުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށް ކަމަށާއި އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކުވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށެވެ. އެ މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ބަލައިގަންނާނެ ކަމަށާއި ފައްޔާޒަށް ބާއްޖަވެރި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިންތިހާބު ކުރީ އެ ޕާޓީގެ ތާރީހުގައި ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި މޭ 14، 2022 ގައެވެ. ފައްޔާޒް އެ މަގާމުން އިސްތިއުފާ ދެއްވައި ފޮނުވި ސިޓީގައި ވަނީ 2022 ގައި ބޭއްވި އެމްޑީޕީގެ އެތެރެގެ އިންތިހާބުގައި އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި އެކަމާ ހެދި ޕާޓީ ދެބަޔަކަށް ބެހިގެން ގޮސްފައިވާ ކަން ފާހަގަ ކުރައްވާފައެވެ.

ރިޔާސީ އިންތިހާބަށް ދިޔަ އިރު އެ ޕާޓީ ބައިބައިވެގެން ދިއުމާއި އޭގެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޕާޓީ އޮތީ އެ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށް ފައްޔާޒުގެ ސިޓީގައި ފާހަގަކުރެއްވިއެވެ.