އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުންނެވެ.
އިސްތިއުފާ ދެއްވައި ފައްޔާޒް ހުށަހެޅި ސިޓީގައި ވަނީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވާތީ ކަމަށެވެ. އަދި އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުން ވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަމުންދާ ކަމަށް ފައްޔާޒް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިންތިހާބު ކުރީ އެ ޕާޓީގެ ތާރީހުގައި ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި މޭ 14، 2022 ގައެވެ. ފައްޔާޒް އެ މަގާމުން އިސްތިއުފާ ދެއްވައި ފޮނުވި ސިޓީގައި ވަނީ 2022 ގައި ބޭއްވި އެމްޑީޕީގެ އެތެރެގެ އިންތިހާބުގައި އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި އެކަމާ ހެދި ޕާޓީ ދެބަޔަކަށް ބެހިގެން ގޮސްފައިވާ ކަން ފާހަގަ ކުރައްވާފައެވެ. ރިޔާސީ އިންތިހާބަށް ދިޔަ އިރު އެ ޕާޓީ ބައިބައިވެގެން ދިއުމާއި އޭގެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޕާޓީ އޮތީ އެ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށް ފައްޔާޒުގެ ސިޓީގައި ފާހަގަކުރެއްވިއެވެ.
އެ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން އުފައްދާ ކޯލިޝަނަކުން ގޮނޑިތަކަށް ވާދަކުރުމަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ތާއީދު ނުލިބުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ކޮންމެ ގޮނޑިއެއް ވެސް ނާކާމިޔާބުވެފައި އޮތީ ވަރަށް ކުޑަ ފަރަގަކުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެކުގައި ކުރިއަށް ދެވުނު ނަމަ އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށް އެނާ ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޕާޓީގެ ހުރިހައި މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އާއި އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯއްދަވައި ދެއްވުމުގައި ދެމިހުންނަވާނޭ ކަމުގެ ޔަގީންކަން ވެސް ފައްޔާޒް އެ ސިޓީގައި ދެއްވާފައި ވެއެވެ.
