ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް، ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށާފައިފިއެވެ.

މެދުރާއްޖެ ތެރޭ ރަށެއްގައި އުމުރުން 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށްފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް ބުނެ އެ ކުއްޖާގެ ބައްޕަ ވަނީ ރޭ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.

އެ ޕޯސްޓުގައި ބުނީ އޭނާގެ ދަރިފުޅު މަޢްރިބް ނަމާދަށް މިސްކިތަށް ދިޔަ މަގުމަތީގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި 17 އަހަރުގެ ކުއްޖަކު، ދަރިފުޅު ހުއްޓުވާފައިވާކަމަށެވެ. އަދި ގަދަ ކަމުން ދަރިފުޅަށް ސިނގިރޭޓު ބޯންދޭން މަސައްކަތްކޮށްފައިވާކަމަށާއި ކުއްޖާގެ ގައިގައި ސިނގިރޭޓު ޖައްސާފައިވާކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ވާހަކަތައް އެއްވެސް މީހާކާއި ހިއްސާކޮށްފިނަމަ މައިންބަފައިން މަރާލާނެކަމުގެ ބިރު ދައްކާފައިވާކަމަށާއި މި ހާދިސާގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ. މި މައްސަލަ ޖެންޑާ މިނިސްޓްރީ އަށާއި، ފުލުހަށްވެސް ހުށަހަޅާފައިވާކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވާއިރު ފުލުހުން ވަނީ މިފަދަ މައްސަލައެއް މި މަހުގެ 22 ވަނަ ދުވަހު 18:30 ހާއިރު ފުލުހުންނަށް ހުށަޅާފައިވާކަމަށް ބުނެފައެވެ/.

އިތުރަށް ފުލުހުން ބުނީ މި މައްސަލަ ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ތަހުގީގުކުރަމުން އަންނަކަމަށެވެ.