ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ޒެޓާ ކުންފުންޏާ ގުޅިގެން ދެއްކެވި ވާހަކައަކީ ހަގީގަތް އޮޅޭ ގޮތަށް ދައްކަވާފައިވާ ވާހަކައެއް ކަމަށް ބުނެ އެ ކުންފުނިން ކަންބިޑުވުން ފާޅުކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނާޒިމް ދެއްކެވި ވާހަކައާ ގުޅިގެން ޒެޓާ އެންޓަޕްރައިސަސް އަދި ޒެޓާ ޓެކްނޮލޮޖީގެ ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ދެ ކުންފުންޏާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށާއި އެއީ ވަރަށް ބިޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހަމާކުރުމަށް އެ ބަޔާން ނެރޭ ކަމަށް ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހާމަނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.
އެގޮތުން 1400 ބޮޑީވޯން ކެމެރާ ހޯދުމަށް ކުރި އިރުލާނަށް ޒެޓާ އެންޓަޕްރައިސަސް އިން ކުރިމަތިލާފައިވާ އިރު އެ ކުންފުންޏަކީ ކޮލިފައި ނުވާ ކުންފުންޏެއް ކަމަށް ނާޒިމް ވިދާޅުވި ވާހަކައަށް ރައްދު ދެމުން އެ ކުންފުނިން ބުނެފައި ވަނީ، އެ ކުންފުނިން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހުށަހެޅި ކަމަށާއި މާލީ އަދި ފަންނީ ގާބިލްކަން ހުރިކަން ސާބިތުކޮށް ދިނުމަށް ވެސް ލިޔެކިޔުނ ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ ކުންފުންޏަކީ 2019 ވަނަ އަހަރުން އެކްސޯންގެ އެކްސްކްލޫސިވް އަދި ސޯލް ޑިސްޓްރިބިއުޓާ ކަމަށާއި ހުށަހެޅި ލިޔުންތަކުން ވެސް އެކަން ފެންނަން އޮންނާނެ ކަމަށް ވެސް ޒެޓާ އިން ބުނެއެވެ.
އެއަށްފަހު 200 ބޮޑީވޯން ކެމެރާ ހޯދުމަށް ފުލުހުން ކުރި އިއުލާނަށް ކުރިމަތީ ޒެޓާ ޓެކްނޮލޮޖީން ކަމަށާއި އެ ޕްރޮޕޯސަލް ކާމިޔާބު ކުރި އިރު ހުށަހެޅި ޕްރޮޕޯސަލްގެ އަގަކީ 48 މިލިއަން ރުފިޔާ ކަމަށް ހިމަނާފައި ނުވާނެ ކަމަށް ޒެޓާ އިން ބުނެއެވެ. އެ ޕްރޮޕޯސަލްގެ އަގަކީ 66.4 މިލިއަން ރުފިޔާ ކަަމަށާއި އެ އަދަދަށް އެއްވެސް ބަދަލެއް އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ވެސް ފަހުން ވެސް އައިސްފައިނުވާ ކަމަށް ޒެޓާ އިން ބުނެއެވެ. އަދި އެ ފައިސާ ދެއްކުމަށް 4 އަހަރު ބަހާލައިގެން ދެއްކުމަށް ހަމަަޖައްސައިދީފައި ވާނެ ކަމަށާއި މުޅި އަގު އެއްކޮށް އަދާކޮށް ނިމިފައި ވަނީ މިމަހުގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ނަމަވެސް ނާޒިމް ކޮމިޓީގައި ވާހަކަ ދެއްކެވި އިރު ޒެޓާ އިން 200 ކެމެރާ އަށް އެސްޓިމޭޓް ކޮށްފައި ވަނީ 48 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެފައި ވެއެވެ. 66 މިލިއަން ރުފޔާ ދައްކަން ޖެހުމުން 18 މިލިއަން އިތުރު ވެފައިވާ ކަމަށް ނާޒިމް ވިދާޅުވެ ދެއްކެވި ވާހަކައަކީ ހަގީގަތް އޮޅޭ ގޮތަށް ދެއްކެވި ވާހަކައެއް ކަަމަށް އެ ކުންފުނިން ބުނެއެވެ.
ވަކި މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދީ ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޒެތާ އިން އަމަލުކޮށްފައިވާ ކަން ހާމަވާ ފަދަ މޭރުމަކުން ނާޒިމްގެ ވާހަކައިން ތުހުމަތުކޮށްފައި ވަނީ ކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިނުގަންނަވާތީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ކޮމިޓީގައި މައްސަލަ ބަލައި ދިރާސާ ކުރި މުއްދަތުގައި ވެސް އެ ދެ ކުންފުނީގެ ބަހެއް ވެސް ހޯދާފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޒެޓާގެ ކުންފުނިތަކުން މިހާތަނަށް ކޮންމެ ކަސްޓަމަރަކާއެކުގައި ވެސް ވެފައިވާ އެއްބަސްވުމާއެއްގޮތަށް ކޮންމެ މަސައްކަތެއް ވެސް އެއްވެސް މައްސަލައެއް ނުޖެހި ފިރިހަމަ ކޮށްފައި ވާނެ ކަމަށ ްބުެނއެވެ. މިއަދާ ހަމައަށް އެ ކުންފުނިން އަޅާފައިވާ ކާމިޔާބު ބިންގާ އެއްވެސް ސަބަަބކާ ނުލައި ކުންފުނީގެ އަގި ވެއްޓިގެންދާ ގޮތަށް ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހާމަނުކުރުމަށް ޒެޓާއިން އިލްތިމާސްކޮށްފައި ވެއެވެ.
