ފުލުހުންގެ އިދާރާއިން 2022 ވަނަ އަހަރު ބޮޑީ ވޯން ކެމެރާ ހޯދަން ހަވާލު ކުރި "ޒެޓާ ޓެކްނޮލޮޖީ" އަކީ އެންމެ ފުރަތަމަ އެ މަސައްކަތް ހަވާލުކޮށް ޝަރުތު ހަމަ ނުވާ ކަމަށް ޓެންޑާ ބޯޑުން ކަނޑައެޅި "ޒެޓާ އެންޓަޕްރައިސަސް" ކުންފުނީގައި ހިމެނޭ ހިއްސާދާރުންގެ އެހެން ކުންފުންޏެއް ކަން ހާމަވެއްޖެއެވެ.
ފުލުހުންގެ ކުންފުނި، ފޮލްކޯއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ބަލަމުން އަންނަ މައްސަލައިގައި ހޯދާފައިވާ މައުލޫމާތުން އެނގޭ ގޮތުން ބޮޑީ ވޯން ކެމެރާ ހޯދުމަށް ފުރަތަމަ ހުޅުވާލީ 1،400 ކެމެރާއަށެވެ. ސިންގަލް ޕްރޮކިއުމެންޓް އުސޫލުން އެކަން ކުރުމަށް ކަނޑައަޅައި އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޒެޓާ އެންޓަޕްރައިޒަސް އާއެވެ.
ނަމަވެސް ޓެންޑާ ބޯޑުން ނިންމާފައި ވަނީ 1400 ކެމެރާ ހޯދުމަށް ދިންގަލް ސޯސްކޮށް ނުފެންނަ ކަމަސާއި އަދި އެއީ އެކަމަށް ޝަރުތު ހަމަވާ ކުންފުންޏެއް ނޫން ކަމަށެވެ. ޒެޓާ އެންޓަޕްރައިޒަސް އިން ސަޕްލަޔާ ކްރެޑިޓް ލެޓާއެއް ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތް ކަމަށް އެ ބޯޑުން ބުނެފައި ވެއެވެ. އަދި އެ ކުންފުންޏަކީ ސެކިއުރިޓީ އާއި އިލެކްޓްރޯނިކް ސާމާނު ސަޕްލައި ކުރަމުން ދިޔަ ކުންފުންޏަކަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފަންނީ ގާބިލުކަން ވެސް ނުހުންނާނެ ކަމަށް ކަމަށް ޓެންޑާ ބޯޑުން ބުނެފައި ވެއެވެ.
ނެޝަނަލް ޓެންޑާ ބޯޑުން އެގޮތަށް ނިންމުމުން، ފުލުހުންގެ އިދާރާއިން އަނެއްކާ ވެސް ވަނީ 200 ބޮޑީ ވޯން ކެމެރާ ހޯދުމަށް އޮކްޓޯބަރު 2021ގައި އިއުލާންކޮށްފައެވެ. އެ ޕްރޮޖެކްޓަށް ތިން ފަރާތަކުން ކުރިމަތިލި އިރު ފުލުހުންގެ އިދާރާއިން އެ މަސައްކަތް ހަވާލުކުރީ ޒެޓާ ޓެކްނޮލޮޖީއާ އެވެ. އެއީ ޒެޓާ އެންޓްޕްރައިޒަސްގައި ހިމެނޭ ހިއްސާދާރުންނަށް ނިސްބަތްވާ ކުންފުންޏެކެވެ. ބޮޑީ ވޯން ކެމެރާ ގަތުމަށް ހަވާލުކުރި ކުންފުންޏާ ގުޅޭ މައްސަލައެއް އޭރު އޭސީސީއިން ބެލުމަށްފަހު އެ މަސައްކަތުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަމަށް އޭސީސީން ވަނީ ނިންމާފައެވެ.
މާލިއްޔަތުގެ ސަބް ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ކެމެރާ ގަތުމުގެ ކަންކަން ހިންގި ޓައިމްލައިން މިހާރު ވަރަށް ފުރިހަމައަށް ސާފުވެއްޖެ ކަމަށާއި ޒެޓާ އެންޓަޕްރައިޒަސް އަކީ ކޮލިފައި ނުވާ ބައެއް ކަމަށް ނިންމުމުން އަނެއްކާ ވެސް އެއް ހިއްސާދާރުން ހިމެނޭ އެހެން ކުންފުންޏަކަށް ދީފައި އޮތް ކަން ސާފުކޮށް އެނގޭ ކަމަށެވެ. ހަމައެއާއެކު ކެމެރާ ގަތުމަށް ފުރަތަމަ ހަރަދުވާނެ ކަމަށް 48 މިލިއަން ރުފިޔާ ލަފާކުރި ނަމަވެސް، މަސައްކަތް ނިމުނު އިރު އެ ކަމަށް 66 މިލިއަން ރުފިޔާ ހަރަދުވެފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކެމެރާ ހޯދުމަށް ލަފާކުރި އަދަދަށް ވުރެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ހޭދަކުރި ކަން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގައި އާންމުކުރި މައުލޫމާތުން އެނގޭ ގޮތުން އެޒޯން ބްރޭންޑްގެ ބޮޑީ ވޯން ކެމެރާ ގަތުމުގެ މަސައްކަތް 2021 ވަނަ އަހަރު ޒެޓާއިން ފެށި އިރު އެކުންފުންޏަށް އެކްސްކްލޫސިވް ރައިޓް ލިބިފައިވަނީ އޭޕްރީލް 2022 ގައެވެ. ފުރަތަމަ 200 ކެމެރާ ގަތުމަށް ފަހު އަނެއްކާ އިތުރު 1،200 ބޮޑީ ކެމެރާ ގަތުމަށް ނޮވެމްބަރު 27، 2022 ގައި ފުލުހުން ޒެޓާ ޓެކްނޮލޮޖީއާ ހަވާލުކުރީ 66 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފުލުހުންގެ އިދާރާއިން އެ ކުންފުންޏަށް 67 މިލިއަން ރުފިޔާ ވަނި ދޫކޮށްފައެވެ.
