ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ހުށަޙަޅަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސީޕީ ނަވީނާއި އެހެން އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން ފާސްކުރީ މިއަދު އެ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ. މިގިތަށް ނިންމާފައި ވަނީ އެ ކޮމިޜީން ބަލަމުންދާ ފުލުހުންގެ ކުންފުނި ޕޮލްކޯ އިން ހިންގާފައިވާ ކޮރަޕްޝަންއާ ގުޅުން ހުރި މައްސަލަތަކާ ގުޅިގެން ކަމަށް މައުޅުމާތު ލިބެއެވެ.
ސަސްޕެންޑު ކުރަން ހުށަހަޅަން ފާސްކުރި އޮފިސަރުން:
- ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން
- ސުޕްރިންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް (އިންޓެލް ހެޑް)
- އެސިސެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހުމާން
- އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ
- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު
- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު
- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު
ޕޮލްކޯއާ ގުޅިގެން ބަލަމުން އަންނަ މައްސަލަތަކުގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނުހައްގުން ހޯދާފައިވާ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފާހަގަވެފައެވެ. ހަމައެއާއެކު ޕޮލްކޯގެ ފްލެޓްތަކުގެ މައްސަލައިގައި ވެސް ކޮރަޕްޝަނަށް މަގުފަހުވާ ގޮތަށް އަމަލުކޮށްފަިއވާ ކަން ފާހަގަވެފައިވާ އިރު، ފުލުހުންނަށް ވެހިކަލްތައް ހޯދުމުގައި އާއި ބޮޑީވޯން ކެމެރާ ގަތުމުގައި ވެސް ހުރި މައްސަލަތަކެއް ކޮމިޓީން ވަނީ ބަލާފައެވެ.
މީގެ އިތުރުން ވެސް ފުލުހުންގެ ކޭޓަރިން ހިދުމަތަށް ޕޮލްކޯއާއި އަމިއްލަ ކުންފުންޏަކާ ދެމެދު އެއްބަސްވުމެއް ހެދީ އަމިއްލަ ކުންފުންޏަށް ނަހަމަ ފައިދާވާ ގޮތަށް އަދި ޕޮލްކޯއަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ކަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ.
