އިޒްރޭލުގެ ސިފައިންނާ ދިމާއަށް އަމާޒުކޮށް ބަޑިއެއް ޖެހިކަމަށް ބުނެ، ބޮން އަޅާ ގާޒާއިން 25 މީހަކު ޝަހީދު ކޮށްލައިފިއެވެ.
އަންހެނަކާއި ކުޑަކުއްޖަކުވެސް ޝަހީދުވި މި ހާދިސާގައި އިޒްރޭލުން ހަމަލާ ދީފައި ވަނީ، ހާން ޔޫނިސް ގެ ދެކުނު ބިތުގައި އޮންނަ ޒައިތޫނި އަވަށުގެ އިމާރާތަކަށެވެ.
ޔަހޫދީން ބުނަނީ ހަމަލާ ދިނީ ހަމާސްގެ ބަޔަކު ތިބި ތަނަކަށް ކަމަށާއި، ހަމަލާ ދޭން ޖެހުނު ސަބަބަކީ އެ ތަނުން ޔަހޫދީންނަށް އަމާޒުކޮށް ހަމަލާއެއް ދިނުން ކަމަށެވެ.
ގާޒާގެ އެތަން މިތަނަށް ހަމަލާ އަމާޒު ކުރަމުން ގެންދާ އިޒްރޭލުން ހަމަލާތައް ހުއްޓާލީ ކަމަށް ބުނެ، ސުލްހައިގެ އެއްބަސްވުމުގެ ނިވަލުގައި ތިބެގެން މިފަދަ ހަމަލާތައް ދޭތެރެ ދޭތެރެއިން ދެއެވެ. މި ފަދަ ކޮންމެ ފަހަރަކު އިޒްރޭލުން ދައްކާ ބަހަނާއަކީ، ހަމާސްގެ މަގާމަކަށް ހަމަލާ ދެނީ ކަމަށެވެ.
މި ހަމަލާތައް ކުށްވެރިކޮށް ޔޫރަޕުގެ ބައެއް ގައުމުތަކުން ބަސް ބުނަމުން ދާ އިރު، އިޒްރޭލަށް މަދަދު ދޭ އެމެރިކާއިން ބުނަމުން ދަނީ، އިޒްރޭލުން އެހެން ހަމަލާއެއް ދިނަސް ސުލަހައިގެ އެއްބަސްވުން ދެމިއޮތް ކަމަށެވެ.
ހަމާސް އާއި އިޒްރޭލު ސުލްހަ ކުރުވުމުގެ މައިގަނޑު ދައުރު އަދާކުރީ އެމެރިކާއިން ކަމަށް ވާއިރު، އެމެރިކާއިން ބޭނުން ވަނީ އެ އެއްބަސްވުން ދެމިއޮތްކަމަށް ދައްކައިގެން އިޒްރޭލުން ހިންގާ ޖަރީމާތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެއްކުން ކަމަށް މުރާސިލުން ބުނެއެވެ. އަދި އެކަން އެގޮތަށް ކުރުމުން، އިޒްރޭލުގެ އުދުވާން ފުޅާކުރަމުން ގެންދެވޭނެ ކަމަށާއި އެކަމުގައި ދުނިޔެ 'ހަނު' އޮތުން ފިޔަވައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް ބުނެއެވެ.
ޔަހޫދީންގެ މި ނުބައި ރޭވުމުގެ ތެރެއިން އުފަންވި ދެވަނަ ކަމަކީ، ރައްކާތެރިކަން ދޭނެ ކަމަށް ބުނެ ގާޒާގެ 200 އަށް ވުރެގިނަ މީހުން ގާޒާއިން ބާލައިގެން މިސްރު މަގުން ގޮސް ދެކުނު އެފްރިކާއަށް ގެންދިޔުމެވެ.
މިއީ އެމީހުނަށް އޮޅުވާލައިގެން ހިންގި 'ސްކޭމް' އެކެވެ. އެކަން ފަޅާ އެރީ، އެމީހުން ދެކުނު އެފްރިކާއަށް އެތެރެވި އިރު ސައްހަ ލިޔެކިޔުންތައް ނެތުމާއި، އެމީހުން ދެކުނު އެފްރިކާއަށް ގެންދިޔުމުގައި ހަރަކާތްތެރިވީ އަސްލު އޮޅުވާލައިގެން ތިބި ޔަހޫދީ ސިފައިންނާ ބައިވެރިވާ ފަރާތްތަކެއްކަން މިހާރު ފަޅާއަރާފައި ވުމުންނެވެ.
ގާޒާގެ ރައްޔިތުން ވަޒަނުން ބޭރުކުމުގެ ނުލަފާ ރޭވުންތަކާއި ގާޒާގެ އެންމެން މަރާ ހުސްކުރުމުގެ ނުބައި ޕްލޭން އިޒްރޭލުން ހިންގަމުން ދާއިރު، ގާޒާގައި ހަރަކާތްތެރިވާނެ ބައިނަލްއަގުވާމީ ފޯހެއް އުފެއްދުމަށް ބާރުއަޅާ އެމެރިކާއިން އދ އަށް ހުށަހެޅި ގަރާރެއް މިހާރު ވަނީ ފާސްކޮށްފައެވެ. މި ގަރާރާ ދެކޮޅުކަމަށް ހަމާސް އިން ބުނެފައި ވީ ނަމަވެސް އެމެރިކާގެ ވިސްނުމަކީ، އެމެރިކާ އަދި އިޒްރޭލަށް ވާގިވެރިވާ މެދުއިރުމަތީގެ ގައުމުތައް ހިމެނޭހެން ސަލާމަތީ ފައުޖެއް އެކުލަވާލައި ގާޒާގެ ތެރޭގައި ގާއިމުވެ ތިބޭގޮތް ހެދުމެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާ ދެމުން ގެންދާއިރު އެއްބަސްވުންތަކާ ހިލާފުވެ އިޒްރޭލުން ގެންދަނީ ލުބުނާނުގައި ހިޒްބުއްލޯ އިން ހަރަކާތްތެރިވާ ދަރަހައްދުތަކަށް ވެސް ހަމަލާ ދެމުންނެވެ. އަދި ލުބުނާނާ އިޒްރޭލު ގުޅޭ އިމުގައި ރާނަން ފެށި ފާރު، ލުބުނާނުގެ ތެރެއިން އޭކަރެއް ވަރުގެ ސަރަހައްދަކަށް ވައްދައި އެބައިވެސް ވަނީ އަމިއްލަ ކޮށްފައެވެ.
