ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް 400 އަށްވުރެ ގިނަ ޑްރައިވަރުން ހޯދަން އިއުލާންކޮށްފިއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފަށަން ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެ އިއުލާނުގައިވާ ގޮތުގެ މަތިން ފުލްޓައިމް ވަޒީފާގައި ހަފްތާއަކު 6 ދުވަހު، ދުވާލަކު 08 ގަޑި އިރު، ޑިއުޓީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭނެއެވެ.

މީގެ އިތުރުން ޕާޓް ޓައިމްކޮށް ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް 122 ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވާއިރު އެ މަސައްކަތާ ގުޅޭ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ. ހަމަ އެހެންމެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައި ވެއެވެ. ނަމަވެސް ލިބޭ މުސާރައާއި އެލެވަންސްތަކުގެ ތަފްސީލެއް އިއުލާނުގައި ހިއްސާކޮށްފައި ނުވެއެވެ.

މިއަހަރުގެ ޖުލައި މަހުގެ ތަރޭގައި މި ހިދުމަތް ދިނުމަށް ކުރިން ނިންމާފައިވާ ޓެކްސީގެ ހިދުމަޔް އަދިވެސް ފެށޭ ގޮތް ވަނީ ނުވެފައެވެ. ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު އިލެކްޓްރިކް ވެހިކަލްތައް އުފައްދާނެ ކުންފުންޏެއް ހޯދައި، އެ ކުންފުންޏާއެކު ކޮންޓްރެކްޓް ހަދާފައިވާކަމަށާއި އެ ފަރާތަށް އެޑްވާންސްކޮށް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަހްމަދު ސައުދީ ވަނީ ވިދާޅުވެފައެެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރުން މި ހިދުމަތް ފަށާއިރު، މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ.