ގޫގްލްއިން އައްޑޫ ސިޓީ ހިތަދޫގައި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމް ކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ރަށެއްގައި މިފަދަ ނެޓްވޯކް ފެސިލިޓީއެއް ގާއިމް ކުރުމަށް ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫއަކީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކްސިޓީއަށް ކުރެއްވި، ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއެއް ކަމަށެވެ.

އަދި މިއީ ދުނިޔޭގައި ކުރިއަރަމުންދާ ޖެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު، ފިޔަވަޅެއް ކަމަށާއި މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަގްވާމީ، ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށާއި މި މަޝްއޫއުގެ ސަބަބުން، ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެްރިކާ، މެދުއިރުމަތި އަދި އޫރަމު ހުޅުވައިރޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިއީ، އިންޑިއާ ކަނޑުގައި، ގާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ދިވެހިރާއްޖެ މައި ހަބެއްގެ ގޮތުގައި، ގާއިމްވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގޫގްލްއިން ގާއިމް ކުރާ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންގެ ކުރެހުމެއް

"މާލޭގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގަި ގާއިމްކުރެވޭ، މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު، ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާޞަލާތީ ގި މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ." ބަޔާނުގައި ވެއެވެ.

ގޫގްލްގެ މި އިންވެސްޓްމެންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާ ކަމަށާއި ކްލައުޑް ސާވިސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި ޓެކްނޮލޮޖީ ސްޓާޓް އަޕްސް ފަދަ ދާއިރާތައް ރާއްޖޭގައި އިތުރަށް ތަރައްގީ ކުރުމަގު ފުރުސަތު އޮތް މިންވަރުވެސް ދައްކުވާދޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި އިންގިލާބީ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާ އެކު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިދެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އައްޑޫގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ދިރާގާއި އުރީދޫ ވެސް ބަައިވެރިކޮށްގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާއިރު މިކަމާ ގުޅިގެން ރައީސް މުއިއްޒު ވެސް ވަނީ ގޫގުލްގެ ނިންމުމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ގޫގްލްގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ދެފުށް ފެންނަ އަދި އިންވެސްޓަރުންނާ ރައްޓެހި މާހައުލަށް ބައިނަލްއަގުވާމީ އިތުބާރު އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އިތުރަށް ހަރުދަނާވެ، ޑިޖިޓަލް ގޮތުން ބާރުވެރިކުރުވައި ސަރަހައްދީ ޑިޖިޓަލް ހަބަކަށް ދިވެހި ގައުމު ބިނާވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.