ޕެންޝަން އޮފީހާއި ގުޅުން ހުރި ގާނޫނުތަކާއި، ގަވާއިދުތަކާއި، ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާއި ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށް ޕެންޝަން ބޯޑު ޗެއާ ޕާސަން އަހްމަދު އިނާޒް ވިދާޅުވެއްޖެއެވެ.
އިނާޒް މިހެން ވިދާޅުވެފައި ވަނީ، މިދިޔަ މަހުގެ މެދުތެރޭގައި އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
އިނާޒް ވިދާޅުވީ، ކޮންމެ ސަރުކާރެއްގެ ވެސް މާލީ ސިޔާސަތުގެ ސަބަބުން ޕެންޝަން ފަންޑުގެ ސަސްޓެއިނަބިލިޓީއަށް އަތުވެދާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މަޝްވަަރާ ކުރަމުންދާ ކަމަށެވެ.
އެގޮތުން ޕެންޝަން އޮފީހާއި ގުޅުން ހުރި ގާނޫނުތަކާއި، ގަވާއިދުތަކާއި، ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާއި ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފަންޑުގެ ސަސްޓެއިނަބިލިޓީ އާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ޕެންޝަން ބޯޑުގެ ޗެއާ ޕާސަންގެ ހައިސިއްޔަތުން އޭނާގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް އިނާޒް ވިދާޅުވިއެވެ.
ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މުއާމަލާތް ހިންގަން ސަރުކާރުން ވިސްނާފައި ވަނީ، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ބޮންޑު ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅާފައެވެ. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ބޮންޑެވެ.
ފެންމަތިވެފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ފިނޭންސް މިނިސްޓްރީން ވަނީ މިއީ ރައްކާތެރި މުއާމަލާތެއް ކަމަށް ބުނެފައެވެ. އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.
