އަތޮޅު ކައުންސިލްތައް އުވާލައި، އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.
އިއްޔެ އެ އިސްލާހު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެ އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރުމަށެވެ.
އެ އިސްލާހުގައި ހިމެނޭ އިތުރު ކަންކަމަކީ:
- އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ އުނިކުރުމަށް
- ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބު ކުރާނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަން
- އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅަން
އެހެންކަމުން މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު އޮތް އަތޮޅު ކައުންސިލްތަކަކީ މި ގާނޫނުއަސާސީގެ ދަށުން އެންމެ ފަހު އަތޮޅު ކައުންސިލަށް ވާނެ އެވެ. ޝުޖާއު މިފަދަ އިސްލާހެއް ހުށަހެޅުއްވިއިރު ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ވެސް އިއްޔެ ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި އިސްލާހުގައި ވަނީ، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ، ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެންބަރުން ކަމަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެންބަރުންކަމަށް ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން، ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، ތިން ކައުންސިލަރުންގެ ހިމެނޭ ކައުންސިލްތަކުގައި އެއް އަންހެންހެން ކައުންސިލަރު، ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން ތިބެންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ހަމަ އެހެންމެ، ޑަބްލިޔުޑީސީތައް އެކުލެވިގެންވަނީ، ރަށެއްގައިނަމަ ފަސް މެންބަރުން އަދި ސިޓީއެއްގައިނަމަ އެތަނެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ ހަ މެންބަރުން، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީތަކުގައި 10 މެންބަރުން، 60،000 އަށްވުރެ މަތިނަމަ 18 މެންބަރުން ކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިއޮތް އަދަދު ބަދަލުކޮށް، ރަށެއްގައިނަމަ ރަށު ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން، އަދި ސިޓީއެއްނަމަ، އެ ސިޓީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ އަދަދަށް ޑަބްލިޔުޑީސީތަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭގޮތަށް ބިލުގައި ހިމަނާފައި ވެއެވެ.
އަދި ޑަބްލިޔުޑީސީތަކުގެ ރައީސް އާއި ނާއިބުރައީސް ހޮވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުންކަމަށް އޮތް ގޮތް ބަދަލުކޮށް، ރައީސް އިންތިހާބު ކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި، ނައިބުރައީސް ހޮވާނީ ކޮމިޓީ މެންބަރުންގެ ތެެރޭގައިނަގާ ސިއްރު ވޯޓަކުން ކަމަށް ހެދުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
މިފަދަ އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅިއިރު އަތޮޅު ކައުންސިލްތައް އުވާލައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެކި ފޯރަމްތަކުގައި މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
