20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ޕީއެންސީގެ 5 ކެންޑިޑޭޓުން ކަމަށެވެ.

އެ ކެންޑިޑޭޓުންނަކީ:

  • އިބްރާހީމް ޝުޖާއު، ޕީއެންސީ، ބާރަށުދާއިރާ 2447 ވޯޓު
  • ޔޫސުފް ނަޝީދު، ޕީއެންސީ، ގަމު ދާއިރާ 1853 ވޯޓު
  • އަބްދުالله ޝަޒީމް، ޕީއެންސީ، ހުޅުމާލެމެދުދާއިރާ 1746 ވޯޓު
  • ހަމަދު އަބްދުالله، ޕީއެންސީ، ފުއަށްމުލަކު އުތުރު ދާއިރާ 1745 ވޯޓު
  • އަހުމަދު ޒާހިރު ޕީއެންސީ، މަޑުއްވަރީ ދާއިރާ 1735 ވޯޓު

އެންމެ މަތީ އިންސައްތަ ހޯއްދެވި 5 ކެންޑިޑޭޓުން:

  1. އިބްރާހީމް ޝުޖާއު، ޕީއެންސީ، ބާރަށު ދާއިރާ 83.49 ޕަސެންޓު
  2. އަހުމަދު ސިޔާމް މުހައްމަދު، އެމްޑީއޭ، މީދޫ ދާއިރާ 73.73 ޕަސެންޓު
  3. ޙުސައިން އިމްރާން ލަތީފު، ޕީއެންސީ، ހެންވޭރު ދެކުނު ދާއިރާ 71.43 ޕަސެންޓު
  4. އަހުމަދު ޒާހިރު، ޕީއެންސީ، މަޑުއްވަރީ ދާއިރާ 70.99 ޕަސެންޓު
  5. ހުސައިން ރިޒާ އާދަމް، ޕީއެންސީ، މާފުށި ދާއިރާ 70.34 ޕަސެންޓު

މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓަކު ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީއިން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. އަދި 2 ލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ 73 އިންސައްތައަށްވުރެ ގިނަ އަދަދެއްގެ ރައްޔިތުންނެވެ.