ތަފާތު އެކި ދާއިރާތަކުގައި އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ދޭ ރެހެންދި އެވޯޑު 15 ފަރާތަކަށް ދީފިއެވެ.

މި އެވެޑޯ ދީފައިވަނީ އަންހެނުން ބާރުވެރި ކުރުވުމަށާއި ދިވެހިރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އަންހެނުން ހިއްސާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދޭ ހާއްސަ އެވޯޑު "ރެހެންދި އެވޯޑު" 2024 އަދި 2025 ދިނުމަށް ރޭ ބޭއްވި ހަފްލާގައެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑް ހާސިލުލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދް އެވެ.

ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް އޮންނަނީ މައިގަނޑު 2 ކެޓަގަރީއެކެވެ. އެގޮތުން، ވަކި ވަކި އަންހެންނުންނާއި، ޖަމިއްޔާ ޖަމާއާތްތަކަށް އެވޯޑު ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުއްޔާ ޖަމާއަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއް ހިމެނެއެވެ. އެއީ ލީޑާޝިޕް އަދި ގަވާނަންސް، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުން، އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.

މި ހަފްލާގައި ތަފާތު އެކި ދާއިރާތަކުން ކަނބަލުން މި އެވޯޑަށް ކުރިމަތިލައްވާފައިވާއިރު 2024 ވަނަ އަހަރު ރެހެންދި އެވޯޑަށް 22 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ.

މި ފަރާތްތަކުގެ ތެރެއިން ރެހެންދި އެވޯޑު ހާސިލުކުރައްވާފައިވަނީ 5 ފަރާތަކުންނެވެ.

  1. މަރްޔަމް އިނާޝާ، ކ. ކާށިދޫ، މާވިން
  2. މަރްޔަމް މުރުޝިދާ، ތ. ވިލުފުށި، ތަނޑިރަތްމާގެ
  3. އަސްމާ ޙަސަން، ހދ. ކުޅުދުއްފުށި, ހިކިފިނިފެންމާގެ
  4. ޢާއިޝަތު ޠާއިފާ، ހދ. ކުޅުދުއްފުށި، ޓޯޓަލްގެ
  5. ވިމެންސް އެންހޭސްމަންޓް (ވީ)، ލ.ފޮނަދޫ، ފުރުއްމާގެ

މީގެ އިތުރުން، 2025 ވަނަ އަހަރު ރެހެންދި އެވޯޑަށް 28 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. އަދި މި ފަރާތްތަކުގެ ތެރެއިން ރެހެންދި އެވޯޑު ހާސިލްކޮށްފައި ވަނީ 10 ފަރާތަކުންނެވެ.

އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

  1. އާޢިޝަތު ހުސައިން، އަތަމާގެ، ގއ.ކަނޑުހުޅުދޫ
  2. އާމިނަތު އާދަމް ކޮއި، ދަފްތަރު ނަމްބަރު އާރް،އެސް 2823 / މާލެ
  3. ޑރ. ރުހުޝާނާ އަހުމަދު، މ.ހުދުކާނޭޝަން/ މާލެ
  4. ސަފާތު އަހުމަދު ޒާހިރު، ހުޅުމާލެ ގޯތި 10228، /ހުޅުމާލ
  5. ސަމީނާ އިބްރާހިމް، ދޫރެސް / ތ.ވިލުފުށި
  6. ޘުރައްޔާ އިބްރާހީމް، މުރިނގު / ތ.ކިނބިދޫ

ލީޑާޝިޕް އަދި ގަވާނަންސްގެ ދާއިރާ

  1. އާމިނަތު ރީމާ ރަޝީދު، ހ.ލައިޓްސްޓަރ/ކ.މާލެ
  2. އާމިނަތު ސޫޒަން ، ހ.ފަހަލަ/ ކ.މާލެ

އާންމުކޮށް އަންހެނުންކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ

  1. ޒަހިއްޔާ މުހައްމަދު، މުރީދުގެ / އއ.އުކުޅަސް

އިގްތިސަާދީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ

  1. އާއިޝަތު ވަހީދާ، ފަރިމާގެ / ސ. ފޭދޫ

ކޮންމެ އަހަރަކުވެސް ދެމުން ގެންދާ ރެހެންދި އެވޯޑަކީ މުޖުތަމައު އާއި ގައުމުގެ ތަރައްގީގެ ލާބަ އާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.

ރެހެންދި އެވޯޑު ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ގައުމީ ހިދުމަތަށް އިތުރު އަންހެނުން ހިއްސާ އިތުރުކުރުމުގެ އިތުރުން، އާ ދާއިރާތައް ތައާރަފުކޮށް، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމެވެ.